މާލެއަށް ބަނދަރުކުރާ ކްރޫޒް ލައިނާތަކާއި ރިސޯޓްތަކުން މާލެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ހާއްސަކޮށްގެން އެކި ހިދުމަތްތަކާއެކު މާލޭ މަސްވެރިންގެ ޕާކް ސަރަހައްދު ތަރައްގީކުރަން ފަށައިފި އެވެ.
ކްރޫޒް ލައިންތަކުން އަންނަ ޓޫރިސްޓުން މާލެ ފޭބުމަށް އެއް ނަމްބަރު ފާލަން ސަރަހައްދު ބޭނުން ކުރަމުން އަންނަނިކޮށް ކުރީގެ ސަރުކާރުން ވަނީ އެކަން މަނާކޮށްފަ އެވެ. އެތަނުގެ ބަދަލުގައި ދިނީ މަސްވެރިންގެ ޕާކާއި މަސްވެރިން ޕާކްގެ ހުޅަނގުން އޮންނަ ފަޅެވެ. އެއީ ގިނަ އަދަދެއްގެ ދޯނިފަހަރު އަޅާ ތަނަކަށް ވުމުން ދަތިތަކާ ކުރިމަތިވާ ކަމަށް ކްރޫޒް ލައިންތައް އޮޕަރޭޓްކުރާ ފަރާތްތަކުން ބުނެ އެވެ. ޓޫރިސްޓުންގެ ކަންކަން ބެލެހެއްޓުމަށް މީހުން ތިބެނީ އެ ތަނުގައި ޓެންޓް ޖަހައިގެންނެވެ.
ރިސޯޓުތަކުން ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ކޮންމެ ދުވަހަކުހެން މާލެ އަންނައިރު އެ މީހުން މަޑުކޮށްލައިގެން ތިބޭނެ ހާއްސަ ތަނެއް މާލެ އަކު ނުހުރެ އެވެ. ޓޫރިސްޓުންނަށް ހާއްސަ ފާހާނާތަކެއް ހަދާފައެއް ނުހުރެ އެވެ. އެއީ ޓޫރިސްޓުންގެ ބޮޑު ޝަކުވާއެއް ކަމަށް ޓުއާ ގައިޑުން ބުނެ އެވެ.
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ސަރީފް ވިދާޅުވިގޮތުގައި މަސްވެރިންގެ ޕާކްގައި ޓާމިނަލެއް ތަރައްގީކުރަނީ ޓޫރިސްޓުންނަށް ހާއްސަ ފާހާނާތަކަކާއި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދަކާ ވެސް އެކުގަ އެވެ. އަދި އެތަނަކީ ސެކިއުރިޓީ ބަލަހައްޓައި ޓޫރިސްޓުންނަށް ރައްކާތެރިތަނަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
"ކްރޫޒް ލައިންތަކަށް އަރައި ފޭބުމަށް ޓާމިނަލަކަށް ވެސް އެތަން ބޭނުންކުރާނީ. ދެން އެކިކަންކަމުގައި އަންނަ ޓޫރިސްޓުން ވެސް ބޭނުންކުރާނީ މިތަން،" ޝަމާއު ވިދާޅުވި އެވެ.
އެތަން ހެދުމުގެ މަސައްކަތް ކުރަމުން އަންނަނީ ސިޓީ ކައުންސިލްގެ އިތުރުން ޕްލޭނިން މިނިސްޓްރީ އާއި އެމްޓީސީސީންނެވެ. އެ މަސައްކަތް ވަރަށް އަވަހަށް ނިންމައި ހިދުމަތް ދޭން ފެށޭނެ ކަމަށް ވެސް ޝަމާއު ވިދާޅުވި އެވެ.
މަސްވެރިންގެ ޕާކް ސަރަހައްދުގައި ޕާކިން ޒޯން ހަދާފައިވާ ސަރަހައްދުން ބައެއް މިހާރު ވަނީ ބަންދުކޮށް މަސައްކަތް ފަށައިފަ އެވެ. މިހާރު ކްރޫޒް ލައިންތަކުން ޓޫރިސްޓުން ފޭބުމަށް ވަގުތީ ގޮތުން ބޭނުން ކުރަމުން އަންނަނީ އެއް ނަމްބަރު ފާލަން ސަރަހައްދެވެ.