ރާއްޖެ އަންނަ ކްރޫޒް ލައިނާތަކުން މާލެ އަންނަން ބޭނުންވާ ޓޫރިސްޓުން މާލެ އަށް އަރައި ފޭބުމުގައި މަސްވެރިންގެ ޕާކް ސަރަހައްދު ބޭނުން ކުރުމަށް ހަމަޖައްސައިފި އެވެ.

ކްރޫޒް ލައިނާތަކުން އަންނަ މީހުން ލަފައި ފޭބުމަށް އިއްޒުންދީން ފާލަން (ރަސްމީ ފާލަން) ސަރަހައްދު ބޭނުންކުރުން ހުއްޓާލަން ހައުސިން މިނިސްޓްރީން ވަނީ ނިންމާފަ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ގޮތަށް ނިންމާފައިވަނީ ރައީސް އޮފީހުގެ އެންގުމަކަށެވެ.

ހައުސިން މިނިސްޓްރީގެ ވެރިންނާ ބައްދަލު ކުރެއްވުމަށް ފަހު، ކްރޫޒް ލައިނާތަކުގެ އެޖެންޓެއް ކަމަށްވާ އެލަޔަންސް މެނޭޖްމަންޓް ސާވިސަސްގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޖަލީލް ވިދާޅުވީ ކްރޫޒް ލައިނާތަކަށް ހާއްސަ ސެކިއުރިޓީ ޕޯސްޓްތައް މަސްވެރިންގެ ޕާކުގައި ހަދައި، އެ ޕާކްގެ ހުޅަނގުން އޮންނަ ފަޅުތެރެ ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

"މަސްވެރިންގެ ޕާކް ފަޅުތެރޭން ބޭރުތޮށި ކައިރީ އަޅާފައި ހުރި އުޅަނދުތައް ނަގައިދޭށާއި މަސްވެރިންގެ ޕާކް ތެރޭގައި ހުރި ވެހިކަލްތައް ނަގައިދޭން ވާނީ (ހައުސިން މިނިސްޓްރީގައި) އެދިފަ. އެ ބަދަލު ގެނެސްދޭނެ ކަމަށް ވިދާޅުވި،" ޖަލީލް ވިދާޅުވި އެވެ.

މާދަމާ ކްރޫޒް ލައިނާއެއް މާލޭގައި ބަނދަރުކުރާ އިރު މާދަމާ އިން ފެށިގެން ބޭނުންކުރާނީ މަސްވެރިންގެ ޕާކް ސަރަހައްދު ކަމަށް ޖަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަސްމީ ފާލަން ސަރަހައްދަށްވުރެ މަސްވެރިންގެ ޕާކް އުނދަގޫވި ނަމަވެސް އެ ސަރަހައްދު ލިބުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ކްރޫޒް ލައިނާތަކުން އަންނަ މީހުންނަށް ފަސޭހަ އިން މާލެ އަށް އަރައި ފޭބޭނެ އިންތިޒާމެއް ނެތުމުން އެ ފަދަ އުޅަނދުތަކުގެ ދަތުރުތައް ރާއްޖެ އަށް ހުއްޓާލަފާނެ ކަމުގެ ބިރު ވެސް ހީވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން މިކަން މެދުނުކެނޑި ކުރެވޭނެ. މަސްވެރިންގެ ޕާކަކީ ވެސް ރަނގަޅު ހިސާބެއް،" ޖަލީލް ވިދާޅުވި އެވެ.

ޓޫރިސްޓުން މާލެ އަށް ފޭބުމުގައި ސަލާމަތީ ގޮތުން ވަރަށް ގިނަ ކަންކަމަށް ބަލަން ޖެހޭ އިރު އެ ކަންކަން ކުރެވެން އޮތީ ޖާގަ އޮތް ސަރަހައްދެއްގައި ކަމަށް ޖަލީލް ވިދާޅުވި އެވެ.

ކްރޫޒް ލައިނާތަކުން ގިނަ އަދަދެއްގެ ޓޫރިސްޓުން މާލެ ފައިބައި ވިޔަފާރިކުރެ އެވެ. އަންނަ ބުދަ ދުވަހާއި ހުކުރު ދުވަހު ވެސް ދެ ކްރޫޒް ލައިނާ މާލެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.