އަންނަ ހޮނިހިރު ދުވަހު ރާއްޖެއަށް ފުރަތަމަ ފަހަރަށް ކާނިވަލް ކްލާސް ކުންފުނީގެ "ކުއީން އޭން" ކްރޫޒް ލައިނާ އަންނާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން ބުނެފި އެވެ.
އެ ކްރޫޒްލައިނާ އިން ގާތްގަނޑަކަށް 2،600 ޓޫރިސްޓުން ރާއްޖެ އަންނާނެ އެވެ. އެ ޓޫރިސްޓުންނަށް މަރުހަބާ ކިޔަން، އެމްއެމްޕީއާރުސީއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް މާޔާއިން ބުންޏެވެ.
މާޔާއިން ބުނީ މިއީ ރާއްޖެއަށް މި އަހަރު ތެރޭގައި އަންނަ އެންމެ ބޮޑު އެއް ކްރޫޒްލައިނާ ކަމަށެވެ.
އެ ކްރޫޒްލައިނާ އިން ގާތްގަނޑަކަށް 3،000 ފަސިންޖަރުންނަށް އެއްފަހަރާ ހިދުމަތް ދެވޭނެ އެވެ.
ކުނާޑް ލައިން އިން އޮޕަރޭޓް ކުރާ އެ ބޯޓު މިވަގުތު ދަތުރު ކުރަނީ މޮރިޝަސްއަށެވެ. އެއަށް ފަހު ދެން އަންނާނީ ރާއްޖެއަށެވެ.
އެ ކްރޫޒްލައިނާއަކީ 322 މީޓަރުގެ ބޮޑު ބޯޓެކެވެ. ތޭރަ ޑެކުގެ އެ ބޯޓުގައި ފަސިންޖަރުންނަށް ހިދުމަތްދޭން 1،200 އެއްްހާ މުވައްޒަފުން ހަރަކާތްތެރިވެ އެވެ. އެ ކްރޫޒްލައިނާގައި 11 ރެސްޓޯރެންޓް ހުރި އިރު އެ ތަންތަނުން ދުނިޔޭގެ އެންމެ މަޝްހޫރު ހުރިހާ ކުޒީންތަކެއްގެ ކެއުންތައް ލިބޭނެ އެވެ. އޭގެ ތެރޭގައި މެޑިޓެރޭނިއަން، ޖަޕަނީޒް، އިންޓަލިއަން ފަދަ ކުޒީންތައް ހިމެނެ އެވެ.
އެ ބޯޓު ބޭނުންކުރަން ފެށީ 2024 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން އަންނަނީ ދުނިޔޭގެ އެކި ސަރަަހައްދުތަކަށް ދަތުރުކުރަމުންނެވެ.