ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ސްޕެޝަލިސްޓް ދިވެހި ޑޮކްޓަރުން ހޯދުމަށް ހެލްތު މިނިސްޓްރީން އިއްޔެ އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ކިޑްނީގެ ބަލިތަކާއި ހިތުގެ ބަލިތަކާ ބެހޭ ޚާއްސަ ޑޮކްޓަރެއް ކުޅުދުއްފުށީ ހޮސްޕިޓަލަށް ބޭނުންވާ ކަމަށެވެ. އެ އިން ކޮންމެ ދާއިރާއަކަށް ވެސް ހޯދަނީ އެންމެ ޑޮކްޓަރެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގައި މަސައްކަތް ކުރަން ބޭނުންވާ، ކިޑްނީގެ ބަލިތަކާއި ހިތުގެ ބަލިތަކާ ބެހޭ ޚާއްސަ ޑޮކްޓަރުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހެ އެވެ.

އެކަމަށް ޝައުގުވެރިވާ ޑޮކްޓަރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ އެ މީހެއްގެ ރޭންކަަށް ބެލުމަށް ފަހު އެވެ. އެގޮތުން، މުސާރައިގެ ގޮތުގައި 44،670ރ. އާއި 54،430ރ.ގެ ދެމެދުގެ އަދަދެއް ކަނޑައަޅާފައިވާއިރު ސާވިސް އެލަވަންސްގެ ގޮތުގައި ކޮންމެ ދުވަހަކު 425ރ. ދޭނެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް ސެޕްޝަލިސްޓް ޑޮކްޓަރުން ހޯދަން މިނިސްޓްރީން އިއުލާން ކުރި ނަމަވެސް އެ ތަން ހިންގަން ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ނިމްސް ހޮސްޕިޓަލް ހިންގާ ކުންފުންޏާ އެޗެ. އެކަމަކު، ކުޅުދުއްފުށީ ހޮސްޕިޓަލްގެ ކަންކަން ބޮއްސުން ލައިގެން ދިއުމުން، ފަހުން އެ ތަނާ ހެލްތު މިނިސްޓްރީން ވަނީ ހަވާލުވެފަ އެވެ.

ސަރުކާރުން އަންނަނީ ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމަށް އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައިއާ) އާ އެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ފަށައިފަ އެވެ. ނަމަވެސް އެއްބަސްވުން އަދި އުވައެއް ނުލަ އެވެ.