ދުވަސްނުފުރާ ވިހާ ކުދިންގެ ތެރެއިން މަހެއް ނުވާ ކުދިންނަށް މެދުވެރިވާ ސިއްހީ މައްސަލަތަކުގެ ދާއިރާއިން ތައުލީމު ހާސިލް ކުރެއްވި ފުރަތަމަ ދިވެހި ޑޮކްޓަރަކަށް ނިއޯނެޓޮލޮޖިސްޓް ޑރ. މުހައްމަދު ފައިސަލް ވެއްޖެ އެވެ.

ނިއޯނެޓޮލޮޖިސްޓުންނަކީ ދުވަސް ނުފުރާ ވިހާ ކުދިންނާއި އުފަންވާއިރު އެކި ބަލިތައް ހުންނަ ކުދިންނަށް މެދުވެރިވާ ސިއްހީ އެކިއެކި ކަންކަމަށް ފަރުވާ ދޭން ހާއްސަ ޑޮކްޓަރުންނެވެ. އެ ޑޮކްޓަރުން މަސައްކަތް ކުރައްވަން ޖެހޭނީ ކުޑަކުދިންނަށް ހިދުމަތްދޭ ނާސަރީ [އެންއައިސީޔޫ]ގަ އެވެ.

ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ބިދޭސީ ނިއޯނެޓޮލޮޖިސްޓް މަސައްކަތް ކުރެ އެވެ.

ޑރ. ފައިސަލްގެ ދެމަފިރިންނަކީ ވެސް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ދެ ޑޮކްޓަރުންނެވެ.

ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަތާ 20 އަހަރު ވެފައިވަ ފައިސަލް ނިއޯނެޓޮލޮޖިސްޓް ދާއިރާއިން ހާއްސަވުމަށް ކިޔަވަން ފެއްޓެވީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަނިކޮށް 2022 ވަނަ އަހަރު ސަރުކާރުން ހުޅުވާލި ފުރުސަތުގަ އެވެ.

ސްރީ ލަންކާގެ ކޮލަމްބޯ ޔުނިވާސިޓީގައި ދެ އަހަރު އެ ދާއިރާއިން ކިޔަވައި ވިދާޅުވުމަށްފަހު، މިހާރު ޑރ. ފައިސަލް ވަނީ އަލުން ކުޅުދުއްފުށީ ހޮސްޕިޓަލާ ގުޅިވަޑައިގެން ހިދުމަތް ކުރައްވަން ފައްޓަވައިފަ އެވެ.

އޭނާ ވަނީ މީގެ ކުރިން ކުޅުދުއްފުށީގެ އިތުރުން އޭޑީކޭ ހޮސްޕިޓަލާއި ރާއްޖޭގެ ބައެއް އެހެން ރަށްރަށުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. ޑރ. ފައިސަލް ކުޑަކުދިންގެ ޑޮކްޓަރަކަށް ހާއްސަ ވެވަޑައިގަތީ ނޭޕާލުންނެވެ.