ރާއްޖެއަށް ބަނދަރުކުރާ ކްރޫޒް ލައިނާތަކުން މާލެއަށް ޒިޔާރަތްކުރާ ޓޫރިސްޓުން އަރައިފޭބުމަށް މަސްވެރިންގެ ޕާކް ހަމަޖެއްސި ނަމަވެސް އެ ސަރަހައްދު އޮތީ އެފަދަ ކަމަކަށް ބޭނުންކުރެވޭ ހާލަތެއްގައި ނޫން ކަމަށް ކްރޫޒް ލައިނާތަކުގެ އެޖެންޓުން މިއަދު ބުނެފި އެވެ.
ރަސްމީ ފާލަން ހިމެނޭ ސަރަހައްދުގެ ބަދަލުގައި މަސްވެރިންގެ ޕާކާއި މަސްވެރިން ޕާކްގެ ހުޅަނގުން އޮންނަ ފަޅު ބޭނުންކުރުމުގެ ހުއްދަ ދިން އިރު އެ ހިސާބުގައި މިހާރު ވެސް ރިސޯޓްތަކުގެ އުޅަނދުފަހަރު އަޅާފައި ހުރެ އެވެ. އެހެންކަމުން އެ އެއްޗެހި އެތަނުން ދުރުކޮށް ޖާގަ ހެދުމަކީ އުނދަގޫ ކަމެއް ކަމަށް ބެލެވެ އެވެ.
އޭގެ އިތުރުން އެޖެންޓުން ބުނާ ގޮތުގައި މަސްވެރިން ޕާކް މިހާރު ހާއްސަކޮށްފައި އޮތީ ޕާކިން ޒޯނަކަށް ކަމަށް ވާތީ އެތަން ވެސް މިވަގުތު އެފަދަ ކަމަކަށް އެކަށީގެންނެއް ނުވެ އެވެ.
މިއަދު އައި ކްރޫޒް ލައިނާއިން އައި ޓޫރިސްޓުން ބޭލޭނެ ގޮތެއް ނެތިގެން އަނބުރާ ޖެހުނީ ފޮނުވާލާށެވެ. އެ ހިސާބު ފަޅުތެރޭގައި ގިނަ އަދަދެއްގެ ދޯނިފަހަރާއި ލޯންޗްފަހަރު އަޅާފައި އޮތުމުން ކައިރިކުރެވޭ ގޮތް ނުވީ އެވެ. އަދި ޕާކިން ޒޯނެއް ކަމުން ކްރޫޒް ލައިނާގެ ސެކިއުރިޓީ ޕޯސްޓްތައް ބެހެއްޓޭނެ ގޮތެއް ވެސް ނޭރުނުވި އެވެ.
ކްރޫޒް ލައިނާތަކުގެ އެޖެންޓެއް ކަމަށްވާ އެލަޔަންސް މެނޭޖްމަންޓް ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޖަލީލް ވިދާޅުވީ އެ ސަރަހައްދަށް ޓޫރިސްޓުން ބޭލޭނީ އެ މީހުން އުފުލާ އުޅަނދުފަހަރަށް ކައިރިކުރެވޭނެ ގޮތް ހަދައިދިނުމާއި، ޕާކިން ޒޯނުގެ ވަކި ހިސާބެއް ވެސް ހުސްކޮށްދީގެން ކަމަށެވެ.
"އިއްޔެ [ހައުސިން މިނިސްޓަރީގެ] މީޓިންގައި އެއްބަސްވި އެތަންތަން ހުސްކޮށްދޭން. އެކަން ކޮށްދީގެން ޓޫރިސްޓުންނަށް ސެކިއުރިޓީ ދީގެން މާލެ ގެނެސް ގެންގޮސް ހެދޭނީ،" ޖަލީލް ވިދާޅުވި އެވެ.
ކްރޫޒް ލައިނާތައް އަންނަ ދުވަސްވަރު ޕާކިން ޒޯނުން ހުސްކުރަން ޖެހެނީ، އެޖެންޓުން ބުނާ ގޮތުގައި، މަސްވެރިންގެ ޕާކްގެ ހުޅަނގު ފަރާތު އެއްގަމު ތޮއްޓާ ޖެހިގެން އޮންނަ ސަރަހައްދެވެ.
ރިސޯޓް ލޯންޗެއްގެ ކެޕްޓަނަކު ބުނީ އެ ހިސާބު ފަޅުތެރެއިން އުޅަނދުފަހަރު ނެރެން ހައުސިން މިނިސްޓްރީން މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް އެއީ ރިސޯޓްތަކުން މާލެއަށް ކުރާ ދަތުރުތައް ހުއްޓުމަކަށް އަތުވެދާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.
"މިތަނުން ދާން އެންގީމާ ދެން ކޮން ތާކަށް ދާނީ؟ އެއް ނަމްބަރަކަށް ވަދެވެނީއެއް ނޫން. އެކޮޅު [މީރުބަހުރު ބަނދަރު] މަސް ދޯންޏަކަށް ވެސް ވަދެވެނިއްޔެއް ނޫން،" އެ ކެޕްޓަން ބުންޏެވެ.
މަސްވެރިންގެ ޕާކްގައި ޕާކިން ޒޯނެއް ހެދީ ހުޅުލެ އަށް ދާ މީހުންނާއި އެ ހިސާބުގެ އެކި އޮފީސްތަކުން ހިދުމަތް ހޯދާ މީހުންގެ ސައިކަލް ޕާކްކުރާށެވެ. އޭގެ ސަބަބުން އެ ސަރަހައްދުގެ ޕާކިން މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ވެސް ވަނީ އައިސްފަ އެވެ.
މަހެއްގެ މައްޗަށް ހަތަރުވަރަކަށް ކްރޫޒް ލައިނާ މާލޭ ބަނދަރަށް އާދެ އެވެ. އަދި އެ ބޯޓުފަހަރުގެ ގިނަ އަދަދެއްގެ ޓޫރިސްޓުން މާލެ ފައިބަ އެވެ. ކްރޫޒް ލައިނާތަކުން ކުރިން ބޭނުންކުރަމުން އައީ ރަސްމީ ފާލަން ހިމެނޭ ސަރަހައްދެވެ.