މާލެއަށް އަންނަ ކްރޫޒް ލައިންތަކުން ޓޫރިސްޓުން ފޭބުމަށް، އިއްޒުންދީން ފާލަން ހިމެނޭ ސަރަހައްދު ދޫކުރުން ހުއްޓާލަން ހައުސިން މިނިސްޓްރީން ނިންމާފައި ވާތީ ކްރޫޒްތައް މާލެއަށް އައުން ހުއްޓުމުގެ ބިރު އެބަ އޮތް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިން ބުނެ އެވެ.
މާޔާގެ އިސް އޮފިޝަލަކު ވިދާޅުވީ ކްރޫޒް ލައިންތަކުން މާލެއަށް ޓޫރިސްޓުން ބާލާއިރު ސެކިއުރިޓީ ގޮތުން ވަރަށް ގިނަ ކަންކަމަށް ބަލާ ކަމަށެވެ. އެކަންކަން ކުރެވެން އޮތީ ޖާގަ އޮތް ސަރަހައްދެއްގައި ކަމަށް ވާތީ މާލޭގައިއިއްޒުއްދީން ފާލަން ސަރަހައްދުގައި ނޫނީ އެކަން ކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެސަރަހައްދަކީ ގްރީން ޒޯން ވީމަ ވެސް އެބަ ސޭފްވޭ. ކްރޫޒް ލައިންތަކުން ޗެކްކޮށް ސެކިއުރިޓީ ކަންކަން ބެލުމަށްފަހު އެސަރަހައްދު ރަނގަޅުވީމަ މާލެއަށް އަންނަން ފެށީވެސް،" އޮފިޝަލް ވިދާޅުވި އެވެ.
މާލޭގެ އެހެން ޖެޓީތަކަކީ ގިނަ އަދަދެއްގެ އުޅަނދުފަހަރު ވަދެ ނުކުމެ އުޅޭ ސަރަހައްދުތަކަށް ވުމުން އެއީ ޓޫރިސްޓުންނަށް ސެކިއުރިޓީ ދެވޭނެ ސަރަައްދުތަކެއް ނޫން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑު ބިރެއް އެބައޮތް މިދަތުރުތައް ނިމުމަކަށް އަތުވެދާނެ ކަމުގެ،" އޮފިޝަލް ވިދާޅުވި އެވެ.
އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދު ކްރޫޒްތަކުގެ ބޭނުމަށް ދޫކުރުން ހުއްޓާލި ސަބަބާ ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ކްރޫޒްތަކުން މާލެއަށް ކުރާ ކޮންމެ ދަތުރަކަށް އެކިއެކި ފީތަކަށް އެކަނިވެސް ލައްކައެއްހާ ރުފިޔާ ދައުލަތަށް ދައްކަ އެވެ.