އަހަރެމެން އަބަދުވެސް ސިއްހަތު ސަލާމަތުން ތިބުމަށް ޝޯޓްކަޓް ގޮތްތައް ހޯދަމު އެވެ. ސިކުނޑިން ހުރިހާ ސްޓްރެސްތައް ފިލުވާލައި ހަށިގަނޑުގެ ބައްޓަން ރީތިކޮށްލުމަށް ވެސް އަހަރެމެން ބޭނުންވެ އެވެ. މިގޮތަށް ހަށިގަނޑަށް ބަލާ މީހުން މިހާރު އެންމެ އާންމުކޮށް ބޭނުންކުރާ އެއްޗެތީގެ ތެރޭގައި ގްރީން ޓީ އާއި އޯޓްސް އަދި އޮލިވް އޮއިލް ފަދަ ތަކެތި ހިމެނެ އެވެ.
މިހާރު އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ގަބޫލު ކުރެވިފައި އޮންނަނީ ގްރީން ޓީ ވީހާ ވެސް ގިނައެއްކޮށް ބުއިމުން ބަރުދަން ލުއިވެ ސްޓްރެސް ފިލުވާލެވި އަދި ހަށިގަނޑަށް ވަރަށް ގިނަ ގުނަ ފައިދާތައް ކުރާނެ ކަމަށެވެ. ގްރީން ޓީ ގައި ވެސް ސައިޑް އިފެކްޓްސް ހުންނަ ކަމެއް ގިނަ މީހުންނަކަށް ނޭނގެ އެވެ.
ގްރީން ޓީގައި ވަރަށް ގިނަ ފައިދާތައް އެކުލެވޭ ކަމަށް ވަރަށް ގިނަ ދިރާސާތަކުން ދައްކާފައި ވެއެވެ. އެއީ އެންޓި-އޮކްސިޑަންޓްސް އިން މުއްސަނދި ވެފައިވާ އެއްޗަކަށް ވާތީ މި ސައިގައި ކެންސަރާއި ހަނދާން ނެތޭ ބަލި ފަދަ ބަލިތަކާ ހަނގުރާމަ ކުރުމުގެ ކުޅަދާނަކަން ހުންނަ ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ. ނަމަވެސް ގްރީން ޓީ އާދަކޮށް ބޯ މީހުންނަށް އޭގައި ހުންނަ ސައިޑް އިފެކްޓްސްތައް ވެސް އެނގިފައި އޮތުމަކީ މުހިއްމުކަމެކެވެ.
ގްރީން ޓީ ގައި އޭގެ ޒާތުގައި ގުދުރަތީ ގޮތުން އުފެދޭ ޓެނިންސް ކިޔާ ކެމިކަލެއް ހުރެ އެވެ. އެހެންވެ ގްރީން ޓީ ބުއިމުން ބަނޑުގައި ވައި އުފެދޭލެއް އިތުރުވެ ބަނޑަށް މައްސަލަތައް ދިމާވެ އެވެ. ބަނޑުހިކުމާއި މޭ ނުބައިކުރުން އަދި ބަނޑުގައި ރިހުން މިއީ ގްރީން ޓީ އިން ބައެއް މީހުންނަށް ކުރިމަތިވެދާނެ މައްސަލަ އެކެވެ.
ގްރީން ޓީ ގައި ކެޓެޗިން ކިޔާ މާއްދާއެއް ހުރެ އެވެ. މިއީ ދަގަނޑުގެ ބައި ހަށިގަނޑުގެ ތެރެއަށް އޮބިގެން ދިއުމަށް ހުރަސް އަޅާ އެއްޗެކެވެ. މާ ގިނައިން ގްރީން ޓީ ބުއިމުން ޚާއްސަކޮށް ދެ ކެއުމެއްގެ ދެމެދުގައި ހިނގާ ވަގުތު ތަކުގައި ސައި ބުއިމުން ހަށިގަނޑުން ދަގަނޑުގެ ބައި މަދުވުމަކީ އެކަށީގެންވާ ކަމެކެވެ.
ބޮލުގައި ރިއްސުމަކީ ވެސް ގްރީން ޓީ ބުއިމުން ދިމާވެދާނެ މައްސަލަ އެކެވެ. ދިރާސާތައް ބުނާ ގޮތުން ކެފެއިން މާ ގިނައިން ބޭނުންކުރުމުންނާއި ދަގަނޑުގެ ބައި މަދުވުމުން ވެސް ބޮލުގައި ރިއްސުމަށް މެދުވެރިވެ އެވެ. މިއީ ގްރީން ޓީ މާ ގިނައިން ބުއިމުން ދިމާވެދާނެ ކަންކަމެވެ.
ހިތުގެ ވިންދު ޖަހާ މިންވަރަށް ވެސް ގްރީން ޓީ ބުއިމުން ބަދަލު އަތުވެދާނެ އެވެ. ގްރީން ޓީ ގައި އެކުލެވޭ ކެފެއިން ގެ ސަބަބުން ހިތަށް ކުރާ އަސަރަކުން މިހެން ދިމާވެ އެވެ.
ލޭގައި ހަކުރު ހުންނަ މިންވަރަށް ވެސް ގްރީން ޓީގެ ސަބަބުން މައްސަލަތައް ދިމާވެދާނެ އެވެ. މީގެ ސަބަބުން ބަރުދަން އިތުރުވެ ހަކުރުބައްޔަށް މަގު ފަހި ވެދާނެ އެވެ. މާގިނައިން ކެފެއިން ބޭނުން ކުރުމުން ލޭގެ ޕްރެޝަރު ފަސޭހައިން މައްޗަށް ދާ މީހުންނަށް މި މައްސަލަ ކުރިމަތިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ގްރީން ޓީގެ އަނެއް ސައިޑް އިފެކްޓްސް އަކީ ނިދަން އުނދަގޫ ވުމެވެ. ގްރީން ޓީ ގައި ހުންނަ ކެފެއިން ނާރުތަކުގެ ނިޒާމުގެ މަސައްކަތަށް ބުރޫ އަރުވަ އެވެ. އަދި ސިކުނޑިން ދޫކުރާ ނިދި އައުމަށް ބޭނުންވާ ކެމިކަލްތައް ބްލޮކް ކޮށްލަ އެވެ.
ގްރީން ޓީގެ ސައިޑް އިފެކްޓްސްތައް ގިނައިން ފެންނާނީ އެކަށީގެންވާ މިންވަރަށް އެ ބޯ މީހުންނަށެވެ. ދުވާލަކު ތައްޓެއް ވަރު ބުޔަސް އޭގެން ގެއްލުމެއް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ. --ރީޑާޒް ޑައިޖެސްޓް