ގްރީން ޓީއަކީ ބަރުދަން ލުއި ކުރަން ވަރަށް ގިނަ ބަޔަކު ބޭނުންކުރާ ބުއިމެކެވެ. އަދި މީގެ ފައިދާތައް ވެސް ބޮޑެވެ. އެކަމަކު ފަރުވާތެރި ވާންޖެހެނީ ގްރީން ޓީ ސަޕްލިމެންޓަށެވެ. ނުވަތަ ގުޅަ ބޭހަށެވެ.
އީޔޫގެ ސިއްހަތާ ބެހޭ އިދާރާތަކުން މިހާރު ވަނީ ގްރީން ޓީ ބޭސް ބޭނުންކުރުމުގައި ފަރުވާތެރިވުމަށް އިލްތިމާސްކޮށްފަ އެވެ. ކަމާބެހާ ފަރާތްތަކުން ބުނާ ގޮތުގައި މި ފަހަކަށް އައިސް ގްރީން ޓީ ބޭސް ބޭނުންކުރާ މީހުން ދަނީ އިތުރުވަމުންނެވެ. މީގެ ނުރައްކަލަކީ މި ބޭސް މާ ގިނައިން ބޭނުންކުރަން ފަށައިފި ނަމަ ފުރަމޭ ހަލާކުވުމެވެ.
ކަމާބެހޭ އިދާރާތަކުން ފާހަގަކޮށްފައިވާ ގޮތުގައި ގްރީން ޓީ ބޭހުގެ 800 މިލިގްރާމަށް ވުރެ އިތުރަށް ބޭނުންކޮށްފި ނަމަ، މީހާ އެ ހުށަހެޅެނީ ސިއްހީ ބޮޑެތި ނުރައްކާތަކެއްގެ ތެރެއަށެވެ.
ކެނެޑާގެ ސިއްހީ އޮފިޝަލުންތަކަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ގްރީން ޓީ ސަޕްލިމެންޓް ބޭނުންކުރަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ބޭނުން ކުރުމަކީ ފުރަމޭގައި މައްސަލަތައް ޖެހި ޑައިލިސިސް ހަދަން ޖެހޭ ފަދަ ހާލަތަަކަށް ހިނގައިދާނެ ކަމެކެވެ. އަދި މި ކަހަލަ ކޭސްތައް ވަނީ ތަޖުރިބާ ވެސް ކުރެވިފަ އެވެ.
އިނގިރޭސިވިލާތުގައި ގްރީން ޓީ ސަޕްލިމަންޓް ބޭނުންކޮށްގެން ހެޕަޓައިޓިސް އަށް ފުރާވަރުގެ ކުދިންތަކެއް ފަރުވާ ހޯދަން ވެސް ޖެހުނެވެ.