ގްރީން ޓީއަކީ ފައިދާތައް ގިނަ ބުއިމެކެވެ. ބަރުދަން ލުއި ކުރަން ވަރަށް ގިނަ މީހުން ބޭނުން ކުރާ އެކައްޗަކީ ވެސް މިހާރު ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ގްރީން ޓީ އެވެ. ޑައުންސިންޑްރޯމް ހުންނަ މީހުންނަށް ވެސް މީގެ ފައިދާ ބޮޑު ކަމަށްވެ އެވެ.

ބައޮލޮޖިކަލް ކެމިސްޓްރީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނާ ގޮތުން ގްރީން ޓީއަކީ ހާޓް އެޓޭކާއި ސްޓްރޯކް ފަދަ ނުރައްކާތެރި ސިއްހީ ބޮޑެތި މައްސަލަތަކުން ވެސް ރައްކާތެރިކޮށް ދޭ ބުއިމެކެވެ. އެހެންވެ އާދަކޮށް ގްރީން ޓީ ބުއިމަކީ ސިއްހީ ގޮތުން ވެސް ވަރަށް ފައިދާ ހުރި ކަމެއް ކަމަށް ބުނެފައިވެ އެވެ.

ބްރިޓިޝް ހާޓް ފައުންޑޭޝަނުން ހެދި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ގްރީން ޓީގައި ހިމެނޭ އެޕިގަލޯކެޓެކިން-3-ގެލޭޓް (އީޖީސީޖީ) ކިޔާ މާއްދާއަކުން އަލްޒެއިމާ ނުވަތަ ހަނދާން ނެތޭ ބަލި ފަދަ ބަލިތަކަށް ވެސް ފަރުވާ ލިއްބައިދެ އެވެ.

މިއީ ގްރީން ޓީގެ އިތުރުން ކަޅު ސައިގައި ވެސް ހިމެނޭ އާންމު މާއްދާއެކެވެ. އެކަމަކު ގްރީން ޓީގައި މި މާއްދާ އިތުރެވެ. މިއީ ހަނދާން ގަދަވުމާއި އާންމު ހުނަރުތައް ދަސްކުރުމުގެ ގާބިލްކަން ވަރުގަދަކޮށްދޭ މާއްދާއެކެވެ.

ގްރީން ޓީ ބޯ ނަމަ، ލޭގެ ހޮޅިތައް ބެދުމުގެ މައްސަލަތައް ކުޑަކޮށްދީ، ސިކުނޑި އަށް ލޭ ފޮނުވައި ދިނުމުގެ ނިޒާމު ހަމަޔަކަށް އަޅުވައިދޭ ކަމަށް ވެސް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.