ށ. ފުނަދޫގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށާއި އެ ހާދިސާގައި ގެއްލުން ލިބުނު މީހުން އާންމު ހާލަތަކަށް އަވަހަށް ރުޖޫއަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އަޑުއެއްސެވީ، ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާ އެކުގައި ކަމަށެވެ. އަދި މިފަދަ ހާލަތްތަކުން މި ގައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވައި، ރައްކާތެރިކަން އަބަދުމެ މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުއާ ދަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ކުރިމަތިމި ކުއްލި އަދި އުނދަގޫ ހާލަތުގައި ވަގުތުން އިޖާބަދީ، ރަށާއި ގެދޮރާއި އާންމުންގެ ސަލާމަތަށް ދިން ބޮޑު އެހީތެރިކަމާއި އެއްބާރުލުންން އަގުވަޒަންކޮށް ގައުމީ ދިފާއީ ބާރަށާއި ފުލުހުންނަށާއި ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓު އަދި ޖޭ ޑަބްލިޔު މެރިއޮޓްގެ ފަޔާ އެންޑް ރެސްކިޔު ޓީމުތަކާއި ށ. އަތޮޅު ހޮސްޕިޓަލާއި ގައުމީ ކެޑޭޓްކޯ އާއި ފުނަދޫ ކައުންސިލާއި ސަރުކާރުގެ އިދާރާތައް އަދި ފުނަދޫގެ ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކާއި ދުޅަހެޔޮ ކަމަށް އެދެން. އަދި މުދަލަށް ގެއްލުން ލިބުނު ފަރާތްތައް، މާތްﷲގެ ހެޔޮ ރަހްމަތްފުޅާއެކު އާންމު ހާލަތަކަށް އަވަހަށް ރުޖޫއަވާނެ ކަމަށް އުންމީދުކުރަން. މި ހުރިހާ ފަރާތްތަކުގެ ލޮބުވެތި އާއިލާތަކަށް ވެސް ކެތްތެރިކަމާއި ހަމަޖެހުން މިންވަރުކުރައްވާށި،" ރައީސް ވިދާޅުވި އެވެ. 

ފުނަދޫ ބަނދަރު ސަރަހައްދުގައި މީހަކު ހިންގާ ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވީ މިއަދު ހެނދުނު 8:30 ހާއިރެވެ. އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ މެންދުރު 12:00 ހާއިރެވެ.

އެންޑީއެމްއޭ އިން ބުނީ އެ ހާދިސާގައި އެކި ވަރުގެ އަނިޔާތައް ލިބިގެން 18 މީހަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރެއިން ބައެެއް މީހުންނަށް ފަރުވާދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ. 

އެ ހާދިސާގައި ފަސް ގެއަކަށް އަލިފާނުގެ އަސަރުކޮށްފައިވާއިރު، 33 މީހަކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.