ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާނުގެ ހާދިސާގައި އެކި ވަރުގެ އަނިޔާތައް ލިބިގެން 16 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް އެ ރަށުގައި ހިންގާ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ. 

ބަނދަރުމަތީގައި އަމިއްލަ މީހަކު ހިންގާ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެގެން ފުލުހުންނާއި ސިފައިން އަދި މެރިއޮޓް ވަނގަރު ރިސޯޓުގެ ފަޔަ ފައިޓަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

އެ ހޮސްޕިޓަލްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ހާދިސާގައި އެކި ވަރުގެ އަނިޔާތައް ލިބިގެން 16 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ހަތަރު އަންހެންނާއި 12 ފިރިހެނުން ހިމެނެ އެވެ. 

އޭނާ ވިދާޅުވީ ފިހިގެން ހަ މީހަކާއި ދުމުގެ އަސަރުކޮށްގެން ވެސް ހަ މީހަކު އަދި ހޭނެތިގެން ހަތަރު މީހަކު ގެންގޮސްފައިވާ ކަމަށެވެ. 

އަލިފާން ނިއްވަން އުޅުނު އެއާޕޯޓުގެ ދެ ފަޔަ ފައިޓަރުންނަށް ވެސް ދުމުގެ އަސަރުކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

"ފިހުނު މީހުންނަކީ ދުރުގައި ތިބި މީހުން. ޓޭންކު ގޮވި ގަޑީގައި 200 ވަރަކަށް ފޫޓަށް އެއްޗެހިތައް ބުރައިގެން ދިޔަ ކަމަށް ވަނީ. އޭރު އަސަރު ކުރި މީހުން އެއީ،" އޮފިޝަލް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ އެއްވެސް މީހަކަށް ސީރިއަސް ޒަހަމެއް ނުލިބޭ ކަމަށެވެ.