ށ. ފުނަދޫގެ ޕެޓްރޯލް ޝެޑްގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑުގެ 90 ޕަސެންޓް ކޮންޓްރޯލްކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާންގަނޑުގެ ބޮޑު ބައި ކޮންޓްރޯލްކޮށް، އެއްކޮށް ނިއްވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ހާދިސާގައި ހަތަރު ގެއަކާއި ފަސް ގަރާޖަކަށް ވެސް އަސަރުކުރި އެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ އަލިފާންގަޑއެއް ގެއަކަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އަދި ދެ ގުދަނެއް ވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ބުންޏެވެ.
އަމިއްލަ ފަރާތަކުން އެ ރަށުގައި ހިންގާ "ފަތްމިނި" ޕެޓްރޯލް ޝެޑް ވެސް އެއްކޮށް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މީގެ ކުރިން ބުނީ ދުމުގެ އަސަރުކުރި ތަންތަނުން މީހުން ހުސްކޮށްފައިވާ ކަމަށެވެ.
އާންމުން ވެސް ދިރިއުޅޭ ސަރަހައްދުގައި ހުރި ފުނަދޫގެ ހަމައެކަނި ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވުމުން ހދ. ކުޅުދުއްފުށީ ފަޔަ ސްޓޭޝަން އަދި މެރިއޮޓް ވަނގަރު ރިސޯޓުގެ ފަޔަ ފައިޓަރުން ވެސް އެ ރަށަށް ދިޔަ އެވެ.
ފުނަދޫއިން ވާހަކަދެއްކި މީހަކު ބުނީ ހެނދުނު 9:45 ހާއިރު އެ ރަށަށް ޖައްސަން އޮތް މޯލްޑިވިއަންގެ ބޯޓު ވެސް، ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާ ކަމަށެވެ. އަދި އަލިފާން ނިއްވަން އެއާޕޯޓުގެ ފަޔަ ލޮރީތައް ބޭނުންކުރާތީ ފުނަދުއިން ބޯޓު ފުރޭނެ އިރެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
ދުމުގެ އަސަރު ކުރާތީ ސްކޫލުގެ ކިޔެވުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.