ކ. ތިލަފުށީ ވޯކް ސައިޓެއްގައި ބިދޭސީއަކު މަރުވެފައި އޮއްވައި ފެނުނު މައްސަލާގައި ހައްޔަރުކުރި ސްރީ ލަންކާގެ މީހާގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފި އެވެ.
ބަންގްލަދޭޝް މީހެއް ކަމަށްވާ އުމުރުން 24 އަހަރުގެ އަމީން މިއާ މަރުވެފައި އޮއްވައި ފެނުނީ ތިލަފުށީގައި ހުރި ކުނި ފުންޏެއްގެ ތެރެއިންނެވެ. އޭނާ މަރުވީ ލަންކާ މީހާ އޮޕަރޭޓްކުރި އެކްސްކަވޭޓަރުގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކާ އެކު ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުކުރެވިގެންނެވެ.
އަމީން މިއާގެ މަރާ ގުޅިގެން ހައްޔަރުކުރީ އެކްސްކަވޭޓަރު ދުއްވަން އިން ލަންކާގެ 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ އެވެ. އެ މައްސަލައާ ގުޅިގެން ބަންދުގައި ވެސް އޭނާ ދުވަސްތަކެއް ހޭދަކުރި އެވެ.
މައްސަލައިގެ ތަހުގީގަށް ފަހު އޭނާގެ މައްޗަށް ގަސްދަކާނުލައި މީހަކު މެރުމުގެ ދައުވާ އުފުލުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވި އެވެ. ނަމަވެސް، އެ އޮފީހުން ނިންމީ ޖިނާއީ ދައުވާއެއް ހެޝަން މަދުރަންގަގެ މައްޗަށް ކުރާނެ މިންވަރަށް ހެކި ނެތް ކަމަށެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި މިދިޔަ އޭޕްރީލް މަހު އެ ނިންމުން ނިންމީ އަމީން މިއާ މަރުވުމުގައި ޑްރައިވަރުގެ އިހުމާލެއް އޮތް ކަމަށް ނުފެންނާތީ އެވެ. އަމީން މިއާ އަކީ އޭނާގެ ޑިއުޓީގެ ގޮތުން އެ ވަގުތު އެ ތަނުގައި ހުންނަން ޖެހޭ މީހެއް ނޫން ކަމަށާއި ކުނިގޮނޑަށް އަރައިގެން އުޅޭތީ އެކަމުގައި ނުރައްކާ އޮތުމުން އެފަދަ ކަންކަން ކުރުން ވެމްކޯއިން މަނާ ވެސް ކޮށްފައި އޮތްކަން ޕީޖީން ފާހަގަކުރި އެވެ.
ހާދިސާ ހިނގިއިރު އަމީން މިއާ ހުރީ އެކްސްކަވޭޓަރާ ގާތްގަނޑަކަށް 10 ވަރަކަށް ފޫޓު ދުރުގައި ކަމަށާއި ހާދިސާ ހިނގި ގޮތް ފުލުހުން އަލުން ކުޅުނުއިރު އެ ސަރަހައްދުގައި މީހެއް ހުރި ކަމެއް އެތަނުގައި އަލިކަން ހުރި ގޮތުން ޑްރައިވަރަކަށް ނޭނގޭނެ ކަން ފާހަގަކުރެވުނު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި އެ ދެ މީހުންގެ އެއްވެސް އަދާވަތްތެރިކަމެއް އޮތް ދެ މީހުން ނޫން ކަމަށް ވެސް ބުންޏެވެ.
ހާދިސާ ހިނގުމާ އެކު ވެސް ހެޝަން މަދުރަންގަ ވަނީ ރާއްޖޭން ފޮނުވާލުމަށް އެދިފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މިހާރު އޭނާ ވަނީ ރާއްޖޭން ޑީޕޯޓްކޮށްފަ އެވެ.