ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މިއަދު އިރުއޮއްސި 6:30 ހަމައަށް މެޓް އޮފީހުން ދެންމެ ވައިޓް އެލާޓް ނެރެފި އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ނެރުނު އެލާޓުގައި ބުނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިއަދު މެންދުރު ފަހު 12:30 އިން ފެށިގެން އިރުއޮއްސި 6:30 ހަމައަށް ބޯކޮށް ވާރޭ ވެހި އަދި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ހުޅަނގު މޫސުން ފެށެން ކައިރިވުމާ އެކު، ދެ މޫސުން ބެދޭ މި ދުވަސްވަރާ ދިމާކޮށް ދޭތެރެއަކުން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ.
ހުޅަނގު މޫސުން ފެށެން ކައިރިވުމާ އެކު، އާންމު ގޮތެއްގައި މެއި މަހުގެ ކުރީކޮޅުން ފެށިގެން ރާއްޖެއަށް ވިއްސާރަ ކުރެ އެވެ.
ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރަން ފަށަ އެވެ. އޭގެ ފަހުން އެ މޫސުމުގެ އަސަރު މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ފޯރައި މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށެ އެވެ.
މިދިޔަ އަހަރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށުނީ މެއި 26 ގަ އެވެ.