އަންނަ މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް، ރާއްޖެއަށް އާންމުކޮށް ވެހޭ ވަރަށް ވުރެ އިތުރަށް ވާރޭ ވެހުމުގެ ފުރުސަތު ބޮޑު ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލަފާކުރެވޭ ގޮތުން ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު، އާންމުކޮށް މި ދުވަސްވަރު ވެހޭ ވަރަށް ވުރެ އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ހުރިހާ ސަރަހައްދެއްގައި ވެސް ފިނިހޫނުމިން އާންމުކޮށް ހުންނަ ވަރަށް ވުރެ މަތިވާނެ ކަމަށް ވެސް ބެލެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެއި މަހު ހުޅަނގު މޫސުން ފެށި، ކޮންމެ އަހަރެއްގެ ޖޫން މަހާއި ސެޕްޓެމްބަރު މަހާ ދެމެދަކީ ރާއްޖެއަށް އާންމުކޮށް އެންމެ ގިނައިން ވިއްސާރަ ކުރާ ދުވަސްވަރެވެ.
އެ އޮފީހުން ބުނި ގޮތުގައި، އެ ފޯކާސްޓު އާންމު ގޮތެއްގައި ތައްޔާރު ކުރަނީ އެޕްރީލް މަހުގެ މޫސުމީ ހާލަތުގެ އިތުރުން މޫސުމަށް ބަދަލު އައުމަށް މެދުވެރިވާ ސަބަބުތަކަށް ރިއާޔަތް ކޮށްގެންނެވެ. އެއީ، ޖުމްލަކޮށް ކުރިއަށް އޮތް ހަތަރު މަހު ވާރޭ ވެހޭނެ ގޮތަށާއި ފިނިހޫނުމިން ހުންނާނެ ކަމަށް ބެލެވިފައިވާ ގޮތެވެ.
މަހުން މަހަށް އަންނަ ބަދަލުތައް ވަކި މަސްތަކަށް ލަފާކުރެވޭ މޫސުމާ އެކު އަދާހަމަކުރާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ދެކުނު އޭޝިއާށް ވާރޭ ވެހޭނީ މަދުން
ވޯލްޑް މީޓިއޮރޮލޮޖިކަލް އޮގަނައިޒޭޝަން (ޑަބްލިއުއެމްއޯ)ގެ ވެބްސައިޓުގައި އިއްޔެ ބުނީ އަންނަ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރާ ހުޅަނގު މޫސުމުގެ ވިއްސާރަ، ދެކުނު އޭޝިއާގެ ބޮޑު ބަޔަކަށް އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ މަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެކަމަކު، ރާއްޖެއަށް ވާރޭ ވެހޭ ވަރު އާންމުކޮށް ވެހޭ ވަރަށް ވުރެ އިތުރުވާނެ ކަމަށް އެ ޖަމިއްޔާގެ ޗާޓުން ދައްކަ އެވެ.
ދެކުނު އޭޝިއާގެ މެދުތެރޭ ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު ވަރަށް ބޮޑަށް މަދުވާނެ ކަމަށް ބެލެވޭއިރު، އުތުރާއި ހުޅަނގާއި އުތުރު އިރުމަތި އަދި ދެކުނުގެ ބައެއް ސަރަހައްދުތަކަށް އާންމު މިންވަރަކަށް ނުވަތަ އެއަށް ވުރެ އިތުރަށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ދުވާލުގެ އެންމެ މަތީ ހޫނުމިނާއި ރޭގަނޑުގެ އެންމެ ދަށް ހޫނުމިން ވެސް އާންމު މިންވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވެ އެވެ.
މޫސުމީ މާހިރުން ވިދާޅުވާ ގޮތުގައި، ދެކުނުގެ އޭޝިއާގެ ގައުމުތަކަށް މި އަހަރުގެ މޫސުމީ ވިއްސާރަ ދުވަސްވަރު "އެލްނީ ނިއޯ" ހާލަތު އުފެދުމުގެ ފުރުސަތު ބޮޑެވެ. މީގެ އިތުރުން "އިންޑިއަން އޯޝަން ޑައިޕޯލް" ޕޮޒިޓިވް ފޭސްއަކަށް ބަދަލުވާނެ ކަމަށް ވެސް ބެލެވެ އެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ ދަނޑުވެރިކަމާއި ފެނުގެ ވަސީލަތްތަކާއި ކާނާގެ ރައްކާތެރިކަމަށް ހުޅަނގު މޫސުމުގެ ވާރޭއަކީ ވަރަށް މުހިންމު އެއްޗެކެވެ. ވާރޭ މަދުވުމުގެ ސަބަބުން މި ދާއިރާތަކަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެ ޖަމިއްޔާއިން އިންޒާރު ދީފައިވެ އެވެ.