މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެންމެ އަވަހަށް އިރުވައި މޫސުން ފެށުނު އަހަރަކަށް މި އަހަރު ވެއްޖެ އެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު ބުނީ އެ އޮފީހުން ބަލާ މިންގަނޑުން މި އަހަރުގެ އިރުވައި މޫސުން ރާއްޖެއަށް ފެށުނީ އިއްޔެ (ޑިސެމްބަރު 17، 2025ގައި) ކަމަށެވެ.

މިއީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އިރުވައި މޫސުން އެންމެ އަވަހަށް ފެށުނު އަހަރެވެ.

މިދިޔަ އަހަރުގެ އިރުވައި މޫސުން ފެށުނީ ވަރަށް ލަހުންނެވެ. އިރުވައި މޫސުން ފެށުނީ އެ އަހަރު ނިމި، މި އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު އެވެ. މޫސުމީ ރެކޯޑްތަކުން ދައްކާ ގޮތުގައި އެއީ ރާއްޖެއަށް އިރުވައި މޫސުން އެންމެ ލަހުން ފެށުނު ފަހަރެވެ.

މިދިޔަ ފަސް އަހަރު އިރުވައި މޫސުން ފެށުނު ތާރީޚުތައް

- ޑިސެމްބަރު 22، 2020

- ޑިސެމްބަރު 20، 2021

- ޑިސެމްބަރު 31، 2022

- ޑިސެމްބަރު 23، 2023

- ޖެނުއަރީ 2، 2025

ރާއްޖެއަށް އިރުވައި މޫސުން ފެށުނު ކަމަށް މެޓް އޮފީހުން ނިންމަނީ ވައިގެ މިސްރާބު އިރުމަތިން ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ވައިޖެހުން އަދި އެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުމުންނެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާ ފަށާ ދުވަސްވަރެވެ.

އިރުވައި މޫސުން ފެށި، އޭގެ އަސަރުތައް އާންމު ގޮތެއްގައި ޑިސެމްބަރު މަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފުތާގައި، އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ފަށަ އެވެ. އަދި ޖެނުއަރީ މަހު މުޅި ރާއްޖެއަށް އިރުވައި މޫސުން ފެށެ އެވެ.

ރާއްޖޭގެ ނަކަތް ކަލަންޑަރުގައިވާ ގޮތުގައި، މިއީ އިރުވައިގެ މޫސުމުގެ ފުރަތަމަ ނަކަތް ކަމަށްވާ މުލަ ނަކަތުން 9 ވަނަ ދުވަހެވެ.

ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާ އެކު، ދިވެހި ނަކަތާއި މޫސުން ދިމާ ނުވާ ފަހަރު މިހާރު ވަރަށް ގިނަ އެވެ. މި ފަހަރު ވެސް އެ ތަފާތު މި ފެންނަނީ އެވެ. އެހެންވެ، ހުޅަނގު މޫސުމާއި އިރުވައި މޫސުމުގެ ނަކަތްތައް ވެސް، ކުރީގެ ދުވަސްވަރާ ބަލާއިރު، ގިނަ ފަހަރަށް ދިމައެއް ނުވެ އެވެ.