އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި މުހައްމަދު ލަމްއާން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމަށް އައްޔަނުކޮށްފި އެވެ.
ޕީސީބީން ބުނީ އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގައި ހުންނެވި އިބްރާހިމް ޒިޔަތު އެ މަގާމުން ވަކިކޮށް، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަގާމަށް މ. ހަޒާރީވިލާ، މުހައްމަދު ލަމްއާން މިއަދު އައްޔަނު ކޮށްފައިވާ ކަމަށެވެ.
ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެމްބަރުން ކުންފުނީގެ އޮޕަރޭޝަނަލް ލެވެލްގައި ހަރަކާތްތެރިވާނެ އެވެ.
މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުންޏަށް ލަމްއާން އައްޔަންކުރެއްވީ ފެބްރުއަރީ 1، 2024 ގަ އެވެ. ލަމްއާން އެމްއޭސީއެލުން އިސްތިއުފާ ދެއްވީ އިއްޔެ އެވެ. އެތަނުން ވަކިވީ އެހެން އެސްއޯއީއަކަށް ބަދަލުވުމަށްޓަކައި ކަމަށް ލަމްއާން ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފަ އެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބަށް ފަހު ސަރުކާރު ކުންފުނިތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި މިފްކޯ، އެމްޕީއެލް، ފެނަކަ އަދި އެމްޑަބްލިއުއެސްސީ ހިމެނެ އެވެ.