މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.
އެމްޕީއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެ ކުންފުނިން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ހަ ބަދަލެއް ގެނެސްފައިވާ ކަމަށެވެ.
އެމްޕީއެލުން އެޅި ފިޔަވަޅުތައް
- ޝިޕްޓް އުސޫލުން މަސައްކަތްނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑި ކުރުކުރުން. އެ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 7:30 އިން މެންދުރު ދެއަކަށް ކަމަށް ކަނޑައެޅުން. ކުރިން އެ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 7:30 އިން ހަވީރު 3:30.
- އޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު އަށް ގަޑިއިރަށް ވުރެ އިތުރުނުކުރުން.
- ރާއްޖެ އިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުން. އެ އިދާރާ އިން ބުނީ ބޭރުގެ ފަރާތްތަކުން ދަތުރުގެ ހުރިހާ ހަރަދެއް ހަމަޖައްސާ ދަތުރުތަކުގައި ވެސް ކުންފުނިން ކުރާ ހަރަދު ވީހާވެސް ކުޑަކޮށް، ރާއްޖެއިން ބޭރުގައި ތިބި ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުވުންތައް ބާއްވަން ނިންމާފައިވާ ކަމަށް.
- ރާއްޖެއިން ބޭރަށް މުވައްޒަފުން ފޮނުވައިގެން ކުރިއަށް ގެންދާ ތަމްރީނުތައް މިވަގުތަށް ހުއްޓާލައި އެފަދަ ޕްރޮގްރާމުތަކުގައި އޮންލައިންކޮށް ބައިވެރިވުން.
- މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026 ފަސްކުރުން. އެއީ މިމަހުގެ 15 ގައި ބޭއްވުމަށް ކުރިން ތާވަލުކޮށްފައި އޮތް ކޮންފަރެންސެއް ނަމަވެސް މިހާރު ނިންމާފައި ވަނީ އަންނަ އޮކްޓޫބަރު 5 ގައި ބޭއްވުމަށް.
- ކަރަންޓުގެ ހަރަދުތައް ކުޑަކުރުން.
އެމްޕީއެލުން ބުނީ ހަރަދު ކުޑަކުރުމަށް އޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު 8 ގަޑިއިރަށް ވުރެ އިތުރު ނުކުރުމަށް ނިންމި ނަމަވެސް މާލޭ ވިޔަފާރި ބަނދަރުގެ މުދާ ބޭލުމާއި މުދާ ކްލިއާކުރުމުގެ މަސައްކަތްތައް ހިނގާ ވަގުތުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި މިހާރެކޭ އެއްގޮތަށް އެ ހިދުމަތްތައް ލިބޭނެ ކަމުގެ ޔަގީންކަންދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޕީއެލުން ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާއިރު މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިގުތިސާދީ ގޮތުން ހަރަދު ކުޑަކުރުމުގެ ގޮތުން އިތުރު އަދި ބޮޑެތި ފިޔަވަޅުތަކެއް އަޅަން ދައުލަތުގެ ކުންފުނިތަކަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިއްޔެ އެންެގި އެވެ.
ޕީސީބީން ރޭ ނެރުނު ސާކިއުލާއެއްގައި ބުނި ގޮތުގައި، ދައުލަތުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން މިދިޔަ މާޗު 30 ގައި ވެސް އަންގާފައިވާނެ އެވެ. އޭގެ އިތުރުން އެހެން ބޮޑެތި ފިޔަވަޅުތައް އަޅަން ރޭ ނެރުނު ސާކިއުލާގައި ޕީސީބީން އެންގި އެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ކުންފުނިތަކުގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުމާއި އެ ކުންފުންޏަކުން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމުތައް ކަމަށް ވިޔަސް އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދަން ކޮންމެހެން މުހިންމު ނޫން މަގާމުތަކަށް މީހުން ނުނެގުމާއި ރަސްމީގަޑީގައި މަސއްކަތްތައް ނިންމޭ ގޮތަށް ކަންކަން ރޭވުމާއި ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް ނޫނީ އިތުރު ގަޑީގެ މަސައްކަތް ނުކުރުން ހިމެނެ އެވެ.
ކޮންމެހެން ބޭނުންވާ ހަފުލާތައް ނޫނީ ނުބޭއްވުމާއި ރާއްޖެ އިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުމާ އެކު މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިގުތިސާދަށް ކުރާނެ އަސަރުތައް ދިރާސާކޮށް، ފިޔަވަޅުތައް އެޅުމާއި ރައްޔިތުންނަށް ކޮށްފާނެ މާލީ ބުރަތަކަށް ވިސްނައިގެން ފިޔަވަޅުތައް އަޅަން ސަމާލުކަން ދިނުމަށް ދައުލަތުގެ ކުންފުނިތަކަށް ޕީސީބީން އެވެ.