މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތައް ވެސް ބެލެހެއްޓުމުގެ ޒިންމާ ވެސް ހަވާލުކޮށް، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އޭވްސްކޮމް) ގެ ނަން އޭވިއޭޝަން އެންޑް ޕޯޓްސް ސެކިއުރިޓީ ކޮމާންޑުގެ ނަމަށް މިއަދު ބަދަލުކޮށްފި އެވެ.
އެމްޕީއެލްގެ ދަށުން ހިންގަނީ ރާއްޖޭގެ މައި ޕޯޓު، މާލޭ ކޮމާޝަލް ހާބަރާއި ހުޅުމާލެ ޕޯޓާއި ހދ. ކުޅުދުއްފުށި ޕޯޓު އަދި އައްޑޫ ހިތަދޫ ޕޯޓެވެ. މިހާތަނަށް އެ ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން އައީ ސީދާ އެމްޕީއެލުންނެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާ ކަނޑު ބަނދަރުތައް ވެސް ހަވާލުކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ނިޒާމު ގާއިމްކޮށްފައިވާ ގޮތަށް ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުގެ ހާއްސަ އިދާރާއަކުން ކުރާގޮތަށް ހަމަޖެއްސުމުގެ ބޭނުމުގައި ކަމަށެވެ.
ޑިފެންސް މިނިސްޓްރީގެ ދަށުން، ވަކި ހާއްސަ ތަމްރީނުތަކެއް ދީފައިވާ އޮފިސަރުންނާ އެކު ހިންގަމުން އަައި އޭވިއޭޝަން ސެކިިއުރިޓީ ކޮމާންޑުގެ ދަށަށް ކަނޑު ބަނދަރުތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން މި ހަވާލުކުރީ އެމްޕީއެލްގެ ބައެއް ބަނދަރުތަކުގައި ސެކިއުރިޓީ ބްރީޗް ވުމުގެ ބައެއް ހާދިސާތައް ހިނގާފައި ވަނިކޮށެވެ.
ރާއްޖެއަށް ގަވައިދާ ހިލާފަށް. އެތެރެކުރި ސިނގިރެޓް ކޮންޓެއިނާއެއް ކަސްޓަމްސްއިން އަތުލައިގަނެ، ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު ހާދިސާ އަކީ އެގޮތުން ހިނގި އެންމެ ބޮޑު ހާދިސާ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަލާމަތީ ކަންތައް ސިފައިން ބަލަހައްޓާތާ އަހަރުތަކެއް ފަހުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ނަމުގައި ވަކި ފައުޖެއް އުފެއްދީ 2013 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީނުގެ ރިޔާސީ ގަރާރަކުންނެވެ.