ކުރީގެ ޑްރަގް ކޯޓާ ޖެހިގެން ހުރި ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގައި މިރޭ ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާގައި އެ ކުންފުނީގެ 80 ޕަސެންޓް މުދާ ހަލާކުވެފައިވާ ކަމަށާއި އެތަން ހުރީ އިންޝުއާ ވެސް ނުކޮށް ކަމަށް އެ ކުންފުނިން ބުނެފި އެވެ. 

ގަސް ކާނާ އާއި އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކާ ޕްރައިމް ފާޓިލައިޒާގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ކުންފުނީގެ 80 ޕަސެންޓް މުދާ ރައްކާކޮށްފައި ހުންނަނީ އެ ގުދަނުގައި ކަމަށެވެ. 

ޓިނާއި ދަގަނޑުން ހަދާފައިވާ އެ ގުދަން އެއްކޮށް އަނދައި ހުލިވެފައިވާއިރު އޮފިޝަލް ވިދާޅުވީ އެތަން ހުރީ އިންޝުއާނުކޮށް ކަމަށެވެ. އަދި އެ ހާދިސާގައި ލިބުނު ގެއްލުމުގެ ސީދާ އަދަދު ސާފުވާނީ މާދަމާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

އެތަނުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ސާފެއް ނޫނެވެ.

އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައި ކަމަށާއި ގުދަން ހުރި ސަަރަހައްދުގެ 4 ގެޔަކުން 32 މީހުންވަނީ ސޯޝަލް ސެންޓަރުގައި މިވަގުތު ގާއިމްކޮށްފައިވާ އިވެކިއުއޭޝަން ސެންޓަރަށް ވަގުތީގޮތުން ގެންގޮސްފައި ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުންޏެވެ.

މުޅި ސަރަހައްދުގައި އަދިވެސް ދުން ބޯވެފައި އޮތްއިރު ދުމާއި ކެމިކަލްގެ އަސަރު ވެސް އެެ ސަރަހައްދުގައި ހުރުމުން މާސްކް އަޅައިގެން ނޫން ގޮތަކަށް ބޭރަށް ނުނިކުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.