ގަސް ކާނާ އާއި އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި ރާއްޖެ އެތެރެކޮށް، ވިއްކާ ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި ހުރި 10 ގެއަކުން މީހުން ހުސްކޮށް 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހުނު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންތް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
ކުރީގެ ޑްރަގް ކޯޓު ނުވަތަ އިލެކްޝަންސް ކޮމިޝަންގެ މައި މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި ރޭ 9:45 ހާއިރު ހިނގި ހާދިސާއާ ގުޅޭ ގޮތުން އެންޑީއެމްއޭއިން ބުނީ ރޭ ދަންވަރު 2:30 އާ ހަމައަށް 15 ގެއަކުން 454 މީހުން އިވެކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކުރި ކަމަށެވެ.
ގަސް ކާނާ އާއި އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކާ ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ކުންފުނީގެ މުދަލުގެ 80 ވަރަކަށް ޕަސެންޓް ވަނީ އަނދައިގެން ގޮސްފަ އެވެ.
އެންޑީއެމްއޭ އިން ބުނީ ވަގުތީ ހިޔާވަހިކަން ދިން މީހުންގެ ތެރޭގައި ބިދޭސީ 302 މަސައްކަތްތެރިން ހިމެނޭއިރު އޭގެ ތެރެއިން 280 މީހަކާ އެ މީހުންގެ ކުންފުނިތަކުން ހަވާލުވެފައިވާ ކަމަށެވެ. އަދި 20 ބިދޭސީއަކަށް ދިވެހި ރެޑްކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދީފައިވާ ދީފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.
ވަގުތީ ގޮތުން އެހީތެރިކަން ބޭނުންވާ 10 ގެއެއްގެ 77 މީހަކަށް އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.
ބައެއް އާއިލާތަކުން ވަގުތީ ގޮތުން އާއިލީ ގޭގެއަށް ބަދަލުވެފައި ވާއިރު އަލިފާނުގެ ހާދިސާއާ ގުޅިގެން ހުސްކުރަން ޖެހުނު 15 ގެ ވެސް ހުސްކުރަން ޖެހުނީ ބޯ ދުމުގެ ސަބަބުން ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އަދި ދުމުގެ އަސަރުކޮށްގެން ހަތް މީހަށް ހޮސްޕިޓަލުން ފަރުވާދިން ކަމަށް ބުންޏެވެ.
ނަމަވެސް އެ އިދާރާ އިން ބުނި ގޮތުގައި އެ ހުރިހާ އެންމެންގެ ހާލު ވެސް ރަނގަޅެވެ.
އަލިފާނުގެ ހާދިސާ ހިނގިތާ ދޮޅު ގަޑިއެއްހާއިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައި ވަނީ ރޭ ފަތިހު އެވެ. ދަގަނޑާއި ޓިނު ފަދަ ތަކެތިން ހަދާފައިވާ އެތަން އޮތީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.