ގަލޮޅު މޯޗަރީ ކައިރީގައި ހުންނަ ގ. ހިޔާ ރޯދީގައި މިދިޔަ ބުދަ ދުވަހު ރޯވުމުގެ ހައެއްކަ މިނެޓު ކުރިން މީހަކު އެ ގެއަށް ވަންނަ ސީސީޓީވީ ފުޓޭޖް ސޯޝަލް މީޑިއާގައި އާންމު ކޮށްފި އެވެ.
ގުދަނެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ އެ ގޭގައި ރޯވީ އެ ދުވަހުގެ ހެނދުނު 11 ޖަހަން އުޅެނިކޮށެވެ.
ކާކުކަން ނޭނގޭ އެކައުންޓަކުން އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަނީ ކަޅު ކުލައިގެ ވޭވް ސައިކަލެއްގައި ދިޔަ މީހަކު ވެހިކަލް ޕާކު ކުރުމަށް ފަހު، އެ ގެއަށް ވަންނަ މަންޒަރެވެ. ކަޅު އަވި އައިނެއް އަޅައިގެން ހުރި އެ މީހާ ލައިގެން ހުރީ ހުދާއި ކަޅު ކުލައިގެ ގޮޅިޖެހި ގަމީހެކެވެ.
އެ ވީޑިއޯގައިވާ ގޮތުން އޭނާ އެ ގެއަށް ވަންނަނީ ހެނދުނު 10:33 ގަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން 10:39 ގައި އޭނާ އެ ގެއިން ނުކުމެގެންދާތަން ފެނެ އެވެ. އެގެއިން ދުން އަރާތަން ފެނިގެން އެ ސަރަހައްދުގައި މީހުން މަޑުކޮށްގެންގެން ތިބޭތަން ވީޑިއޯގައި ފެންނަނީ 10:43ގަ އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏަސް އަލިފާން ރޯވުމުގެ ކުރިން އެ ގެއަށް މީހަކު ވަންނަ ސީސީޓީވީ ފުޓޭޖާ ގުޅޭ ގޮތުން މިހާތަނަށް އެއްޗެއް ނުބުނެ އެވެ.
އާއްމުވެފައިވާ ވީޑިއޯއާ ގުޅޭ ގޮތުން ފުލުހުން އަދި ބަހެއް ނުބުނެ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.
ކުރިން ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގި މޯރީގަރާޖާ ޖެހިގެން ހުންނަ ހަނި ގޯޅީގެ ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލިއިރު އެތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.