ކ. ތިލަފުށީ ވޯކް ސައިޓެއްގައި ބިދޭސީއަކު މަރުވެފައި އޮއްވައި ފެނުނު މައްސަލާގައި ހައްޔަރުކުރި ސްރީ ލަންކާގެ މީހާއަށް، ގަސްދަކާނުލައި މީހަކު މެރުމުގެ ކުށުގެ ތުހުމަތުކޮށްފި އެވެ. 

ބަންގްލަދޭޝަށް މީހެއް ކަމަށްވާ އުމުރުން 24 އަހަރުގެ އަމީން މިއާ މަރުވެފައި އޮއްވައި މިދިޔަ މަހުގެ 28 ގައި ފެނުނީ 26 ވަނަ ދުވަހު އޭނާ ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދަނިކޮށެވެ. 

ފުލުހުން ބުނެފައިވާ ގޮތުގައި ބިދޭސީ މީހާ މަރުވީ ލަންކާ މީހާ އޮޕަރޭޓްކުރި އެކްސްކަވޭޓަރުގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކާ އެކު ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުކުރެވިގެންނެވެ. 

ކުނިތަކުގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު އަމީން މިއާގެ މަރާ ގުޅިގެން ހައްޔަރުކުރީ އެކްސްކަވޭޓަރު ދުއްވަން އިން ލަންކާގެ 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ އެވެ. 

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 7 ދުވަސް ދީ ނެރުނު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ކުރަނީ ގަސްދަކާނުލައި މީހަކު މެރުމުގެ ތުހުމަތެވެ. އެ ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ހާދިސާ ރިޕޯޓާއި ސީސީޓީވީ ސްނެޕްޝޮޓްތަކެއް ހުރިކަން އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

އަމުރުގައި ބުނެފައިވާ ގޮތުން ލަންކާ މީހާ ދުއްވި "އެކްސްކަވޭޓަރުން ޖެހި" މީހަކު މަރުވެފައިވެ އެވެ. އަދި އޭނާ އެކްސްކަވޭޓަރު އޮޕަރޭޓްކޮށްފައި ވަނީ ބަލަންޖެހޭ މިންވަރަށް ނުބަލައި ކަމަށް އައިއޯ ކޯޓުގައި ބުނެފައިވެ އެވެ. 

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ބިދޭސީ މީހާގެ ގައިގައި އެކްސްކަވޭޓަރުން ޖެހި ވެއްޓުމުން ކުނިތަކާ އެކު އެހެން ދިމާލަކަށް ބަދަލުކުރެވި ކުނިތައް ގައިމައްޗަށް އެޅުނީ ކަމަށް މިހާތަނަށް ލިބުނު މައުލޫމާތުން އެނގެ އެވެ. އެކަމަކު އެއީ އެކްސްކަވޭޓަރު ދުއްވަން އިން ޑްރައިވަރަށް އެނގިގެން ހިނގި ހާދިސާއެއް ކަމެއް މިހާތަނަށް ކަށަވަރެއް ނުވެ އެވެ.

ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން އެނގޭ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނަސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.