އަންނަ އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބު އޮންނައިރު ހަމަ އެ ދުވަހު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ތާއީދުކުރައްވައިފި އެވެ. 

ރައްޔިތުންގެ ހިޔާލު ހޯދުމަށްޓަކައި ފެންނަ ނުފެންނަ ވޯޓް ނެގުމުގެ ބިލް (ރިފަރެންޑަމް ބިލް) ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. މަޖިލީހުގެ މިދިޔަ ދައުރުގެ ޗުއްޓީއަށް ދިއުމުގެ ކުރިން އެ ބިލް ދިރާސާކޮށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ މަޖިލީހަށް އެކަމުގެ ރިޕޯޓު ވެސް ފޮނުވައިފަ އެވެ. 

ޕީއެންސީގެ މެދުހެންވޭރު ދާއިރާގެ ކެމްޕެއިނު އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާއަށް ފަހު ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ އިސްލާހުތައް ގެނެވި އެ ބަދަލުތައް ތަސްދީގު ކުރެއްވުމަށް ރައީސަށް ފޮނުވުމަށް ގަސްދު ކުރައްވާ ކަމަށެވެ. 

ގާނޫނުއަސާސީއަށް ގެނައުމަށް މަސައްކަތްކުރާ އިސްލާހެއްގެ ގޮތުގައި ފަލާހު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓަހަށް އެހުމަށް ތައްޔާރުކޮށްފައިވާ އެ ބިލުގެ މަސައްކަތް ކަމަށެވެ. 

ފަލާހު ވިދާޅުވީ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުން ހަ މަސް ދުވަސް އުނިކޮށް، ދެން އަންނަ ރިޔާސީ އިންތިހާބަކާ އެކު މަޖިލީހަށް ވެސް މެމްބަރުން ހޮވޭނެ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރާ ކަމަށެވެ. ގައުމަށްޓަކާ އެ ހަ މަސް ދުވަސް މެމްބަރުން ދޫކޮށްލަން ނިންމެވީ ރައީސް ގެންނަވާ އިސްލާހީ މަސައްކަތްތަކަށް ތާއީދު ކުރެއްވުމުގެ ގޮތުން ކަމަށް ފަލާހު ވިދާޅުވި އެވެ. 

"އެހާ ހިސާބުން އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އަޅުގަނޑުމެން މި ގެންނަ އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ އުމުރު، އަޅުގަނޑުމެން މި ގުނަމުންދާ މަޖިލިސް ދައުރުން ހަ މަސް ދުވަސް ކުރުކޮށް ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވޭނެ ނިޒާމަކަށް ތައްޔާރުވަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ލޯކަލް ކައުންސިލު އިންތިހާބު އޮންނަ ދުވަހު، އެކަމަށް ވެސް އާންމުންގެ ހިޔާލު ހޯދުމަށް ވޯޓަށް އަހައިފި ނަމަ، ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ. އަދި އޭޕްރީލް 4 ގައި އިލެކްޝަންސް ކޮމިޝަނުން އެ ވޯޓު ނުނަގައިފި ނަމަ، ބަޖެޓުން އިތުރު 80 މިލިއަން ރުފިޔާ ހަރަދުކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެ ދުވަހު އެ ވޯޓު [ދެ އިންތިހާބު އެއްކޮށްލުމަށް ފެންނަ ނުފެންނަ ވޯޓު] ނުނަގައި އިލެކްޝަންސް ކޮމިޝަނަށް އިތުރަށް ތައްޔާރީތަކެއް ވާންޖެހި އެހެން ދުވަހެއްގައި އެ ވޯޓު ނަގަން ޖެހޭ ނަމަ، ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފުޔާ އިތުރަށް ހަރަދުކުރަންޖެހޭނެ،" ފަލާހް ވިދާޅުވި އެވެ.

އެ ސަބަބާ ހުރެ، އޭނާ ގަބޫލުކުރައްވާ ގޮތުގައި އޭޕްރީލް 4 ގައި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ވޯޓަށް ވެސް އަހާނެ އެވެ.

އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރެވެނީ މި ގެންނަން އުޅޭ އިސްލާހު އޭޕްރީލް 4 ވަނަ ދުވަހު އޮންނާނެ ކަމަށް.
މެމްބަރު ފަލާހް

ފަލާހު ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައުމަށް ސަރުކާރުން މަސައްކަތްކުރާ އިސްލާހުތަކަށް ރައްޔިތުންގެ ބޮޑު ތާއީދެއް އޮތް ކަމަށެވެ. އެކަމަކު އެ އިސްލާހުތަކަށް އިދިިކޮޅު އެމްޑީޕީން ދެކޮޅު ހަދައި ކަމަށާއި އެކަމާ ގުޅޭ ސަބަބުތަކެއް ވެސް އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. 

ފަލާހު ވިދާޅުވީ އެމްޑީޕީން އެ އިސްލާހުތަކަށް ތާއީދު ނުކުރަނީ މި ވެރިކަން ދިގު ދެމި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވޯޓުލާ އަލުން އިންތިހާބުކޮށްފާނެތީ އެވެ. އަދި މުހިއްމު އެތައް އިސްލާހުތަކަކަށް އެމްޑީޕީން ނޫނެކޭ ބުނެފައިވާކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ ބަޖެޓަށް ވޯޓަށް އަހާ ދުވަހަކީ މުހިއްމު ދުވަހެއް ނަމަވެސް އެމްޑީޕީގެ މެމްބަރުން ވޯޓު ދީފައިނުވާ ކަމަށެވެ. އެކަމަކީ ސަރުކާރުން ހިންގާ މަޝްރޫއުތައް ހުއްޓުވުމަށް ކުރާ ކަމެއްގެ ގޮތުގައި ފަލާހު ތުހުމަތު ކުރެއްވި އެވެ. 

އޭނާ ވިދާޅުވީ ކުރިއަށް އޮތް އިންތިހާބަށް އެމްޑީޕީން ނެރެފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ ކެމްޕެއިނުގައި ވެސް އެއީ ސަރުކާރު ޒިންމާދާރުކުރުވަން ހޮވައި ބައެެއް ކަމަށް ސިފަކޮށް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެކަމަކު ކައުންސިލުތަކަކީ ސަރުކާރު ޒިންމާދާރުކުރުވަން އިންތިހާބުކުރާ ބައެއް ނޫން ކަމަށް އޭނާ ކަމަށް ވިދާޅުވެ އެމްޑީޕީއަށް އޭނާ ފާޑުވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގައި ހިނގާ ވެރިކަމުގެ ނިޒާމުގައި ތިން ބާރު ވަކިކުރެވިފައިވާ ކަމަށެވެ. އެހެންވެ ސަރުކާރު ޒިންމާދާރުކުރުވަން ކަމަށް ބުނެ އިތުރު ބާރުތަކެއް އުފައްދަން ނުޖެހޭ ކަމަށެވެ. 

ދެ އިންތިހާބު އެއްކޮށްލުމަށް ބާރު އަޅައި މީގެ ކުރިން ރައީސް ވިދާޅުވީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބަށް 180 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ހަރަދު ކުރަން ޖެހުނުއިރު، ނިމިދިޔަ މަޖިލިސް އިންތިހާބަށް ދައުލަތުން 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި ކަމަށެވެ. އެހެންވެ އެންމެ ފައިދާ ހުރިގޮތަކީ ދެ އިންތިހާބު އެއްކޮށް ބޭއްވުން ކަމަށް އެ މަނިކުފާނު ވެސް ވިދާޅުވެފައިވެ އެވެ. 

އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ބިލެއް މަޖިލީހަށް ހުށަހެޅީ ރައީސް މަގާމުގެ ހުވާކުރައްވާ ދުވަސް ނޮވެމްބަރު 17 ގެ ބަދަލުގައި ނޮވެމްބަރު 11 އަށް ބަދަލު ކުރުމާއި ރިޔާސީ އިންތިހާބާއި މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ. ނަމަވެސް އެ ނޫން ވެސް ގައުމީ މުހިންމު ކަންކަމުގައި ވެސް ފެންނަ ނުފެންނަ ވޯޓަށް ދިއުމުގެ ފުރުސަތު އެ ބިލުގެ ދަށުން އޮވެ އެވެ.