ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއާ މިދިޔަ ފަންސަވީހަކަށް ދުވަހުގެ ތެރޭގައި 5،000 މީހުން ގުޅި، އެއީ ރާއްޖޭގައި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ މެމްބަރުން ގިނަވި ޕާޓީއަށް ވެފައިވާ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު އިބްރާހިމް ފަލާހު މިރޭ ވިދާޅުވެއްޖެ އެވެ.
މީގެ ކުރީގައި އެންމެ މެމްބަރުން ގިނަ ޕާޓީއެއްގެ ގޮތުގައި، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި އޮތީ އެމްޑީޕީ އެވެ. މި ސަރުކާރު ފެށިއިރު ވެސް އެ ޕާޓީގައި ތިބި މެމްބަރުންގެ އަދަދު އުޅެނީ 90،000 އިން މަތީގަ އެވެ. ނަމަވެސް މިހާރު އެ ޕާޓީގައި ވެސް ތިބީ 43،765 މެމްބަރުން ކަމަށް އީސީގެ ތަފާސްހިސާބުން ދައްކަ އެވެ.
ޕީއެންސީގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އެ ޕާޓީގެ އިސް މެމްބަރު ފަލާހް ވިދާޅުވީ ރާއްޖޭގައި 2008 ވަނަ އަހަރުން ފެށިގެން ޕާޓީތައް އުފެދިގެން އައިރު ޕީއެންސީއަކީ މިހާތަނަށް ރާއްޖޭގައި އެންމެ ކުރު މުއްދަތެއްގައި އެންމެ ގިނަ މީހުން ގުޅުނު ޕާޓީ ކަމަށެވެ.
"މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޕީއެންސީގެ ދަފްތަރަކީ ގާތްގަނޑަކަށް 3،000 ވަރަކަށް މެމްބަރުން، ނަމަވެސް ރައީސް މި ޕާޓީއާ ހަވާލުވެ މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި މިއަދު ޕީއެންސީގެ ދަފްތަރަކީ 74،000 މެމްބަރުން ކަން އުފަލާއެކު ފާހަގަ ކުރަން،" ފަލާހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީއެންސީއާ ގުޅޭ މެމްބަރުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރު ވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ 25 ވަރަކަށް ދުވަސް ތެރޭގައި 5،000 މެމްބަރުން އެ ޕާޓީއާ ގުޅިފައިވާ ކަމަށް ވެސް ފަލާހް ވިދާޅުވި އެވެ. މިހާރު އެ ޕާޓީގައި ތިބި މެމްބަރުންގެ އަދަދަކީ 74،048 މެންބަރުންނެވެ.
ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާގެ އަދަދުތައް މިދިޔަ ޑިސެމްބަރު ހަވަނަ ދުވަހު އާއްމުކުރިއިރު، އީސީން ބުނެފައިވާ ގޮތުން ނަމަ އެ އަހަރުގެ ނޮވެމްބަަރު 25 ވަނަ ދުވަހާ ހަމައަށް ޕީއެންސީގައި ތިބީ 68،665 މެންބަރުންނެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަސް ނިމުނުއިރު އެ އަދަދު ވަނީ 74،000 އަށް އަރައިފަ އެވެ.
މިދިޔަ ޑިސެމްބަރު ހަ ވަނަ ދުވަހު އާއްމުކުރި ހިސާބުތަކާއި އީސީން މި މަހުގެ ތިންވަނަ ދުވަހު އާއްމުކުރި ހިސާބުތަކާ އަޅާބަލާއިރު، އިދިކޮޅު އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީއަކުން ވެސް ވަނީ މެންބަރުން މަދުވެފަ އެވެ. އެމްޑީޕީގައި ކުރިން 43،765 މެންބަރުން ތިބި އިރު މިހާރު ތިބީ 43،784 މެންބަރުންނެވެ.
މެންބަރުންގެ އަދަދު މަދުވި ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މެންބަރުން ވަކިވެފައި ވަނީ ޖުމްހޫރީ ޕާޓީންނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު 25 އާ ހަމައަށް ޖުމްހޫރީ ޕާޓީގައި 13،456 މެންބަަރުން ތިބި އިރު މިހާރު އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 12،343 އެވެ. މި ހިސާބުތަކަށް ބަލާއިރު ޖުމްހޫރީ ޕާޓީން ވަކިވީ 1،113 މެންބަރުންނެވެ.
މި މަހުގެ ތިން ވަނަ ދުވަހު އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން، ކުރިން 10،300 މެންބަރުން ތިބި އެމްޑީއޭ ގައި މިހާރު ތިބީ 9،686 މެންބަރުންނެވެ. އީސީގައި ރަޖިސްޓަރީ ކޮށްފައިވާ ޕާޓީތަކުގެ ތެރެއިން ޕީއެންއެފްގައި 3،012 މެންބަރުން ތިބިއިރު ދަ ޑިމޮކްރެެޓްސްގެ މެމްބަރުންގެ އަދަދަކީ 2،952 އެވެ.