ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތް އިރު ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތީ ސްރީ ލަންކާއަށް މިފަހުން ދިމާވި ފަަދަ ގޮތަކަށް ކަމަށާއި އެކަމުން ރާއްޖެ ސަލާމަތްވީ ރައީސްގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށް ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އެޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާހީމް ފަލާހު ރޭ ވިދާޅުވެއްޖެ އެވެ.

އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ގދ.ތިނަދޫ ސިޓީ ކައުންސިލަށް ޕީއެންސީގެ ފަރާތުން ނެރޭ ކެންޑިޑޭޓުންގެ ކެމްޕެއިން ފެށުުމުގެ ގޮތުން އެ ރަށުގައި ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބު އައި އިރު ރާއްޖޭގައި އޮތީ ސްރީ ލަންކާއާ އެއްފަދަ ހާލަތެއްގައި ކަމަށާއި ރާއްޖޭގެ ތަފާތަކީ އެކަން އިއުލާނު ނުކޮށް އޮތުން ކަމަށެވެ. ރާއްޖެއަށް ބޭނުންވާ ކާަޑާއި ތެލަށް ފައިސާ ނުދެއްކޭ ހިސާބަށް އޭރު ކަންތައް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ އިޝާރާތްކުރެއްވީ ދަރަނި ތެލުގެ އިތުރުން އަސާސީ އެހެނިހެން ތަކެތި އިމްޕޯޓްކުރަށް ބޭނުންވާ ބޭރު ފައިސާ ނުލިބި އެ ތަކެތި ހުސްވެ އަދި ދަރަނި ނުދެއްކޭ ހާލަތަކަށް ގޮސް ލަންކާ ބަނގުރޫޓުވި އިގްތިސާދީ ކާރިސާއަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންގެ ރައީސުލް ޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެން، އެ މަނިކުފާނު ގެންގުޅުއްވި އިގުތިސާދީ ހަރުދަނާ ސިޔާސަތުގެ ސަބަބުން، ﷲ ގެ ރަހުމަތްފުޅުން، މިގައުމު މިއަދާ ހަމައަށް ސާލަމަތް ވެފައި މިއޮތީ،" ފަލާހު ވިދާޅުވި އެވެ.

ރައީސް މުއިއްޒަކީ ވަރަށް އިހުލާސްތެރި ، އަމާނާތްތެރި އަދި މުރާލި ބޭފުޅެއް ކަމަށް ވިދާޅުވެ، ރޭގެ ޖަލްސާގައި ވެސް އެ މަނިކުފާނަށް އޭނާ ތައުރީފު ކުރެއްވި އެވެ. 

"އެކަހަލަ ވެރިއަކު ގައުމަކަށް އަންނަނީ ވަރަށް މަދު ހާލަތެއްގައި. އެކަމަށްޓަކައި އެމަނިކުފާނަށް ދިވެހި ރައްޔިތުން ވަރަށް ބޮޑަށް އިތުބާރުކުރައްވާ،" ފަލާހު ވިދާޅުވި އެވެ.

ތިނަދޫގެ ރައްޔިތުންެ ވެސް ހަމަ އެގޮތަށް ރައީސަށް އިތުބާރުކާ ކަމަށާއި ކަމެއް ކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ ނަމަ އެކަމެއް ކޮށްދެއްވާނެކަން ގަބޫލުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ. 

އިދިކޮޅު އެމްޑީޕީއަަށް ކުރިއްސުރެ ކުރައްވާ ތުހުމަތުތައް ފަލާހު ރޭ ވެސް ތަކުރާރުކުރެއްވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެމްޑީޕީގެ ފިކުރަކީ "ފަނާކުރަނިވި" ފިކުރެކެވެ. އެމްޑީޕީން ސިޔާސީ ގޮތުން ބޭފުޅުން ތަމްރީނުކޮށް ނެރެނީ ވަރަށް "ނުބައި ސިފައެއްގައި" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ހަމަ އެކަނި ރަށްރަށުގައި ތިއްބެވި އެމްޑީޕީ ކައުންސިލަރުން އެކަންޏެއް ނޫން، ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ކެންޑިޑޭޓުން ވެސް ތަފާތުވާނެ، ގާނޫނުއަސާސީއަށް، ގާނޫނުތަކަށް ހުރުމަތްތެރިކޮށް ނުހިތާނެ،" ފަލާހު ވިދާޅުވި އެވެ.