މޯލްޑިވް ގޭހުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު)ގެ މައްޗަށް ކުރި ރިޝްވަތު ހިފުމުގެ ގިނަ ދައުވާތަކެއް ސާބިތުނުވާ ކަމަށް ކުރި ހުކުމް އިސްތިއުނާފުކުރަން ވިސްނަމުންދާ ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުން ބުނީ ރިޝްވަތުގެ ހިފުމުގެ ހަތް ދައުވާގެ ތެރެއިން ފަސް ދައުވާ ސާބިތުނުވާކަމަށް ނިންމާފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތް ކުރުމެއްނެތި، ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބެލެވޭ ކަމަށެވެ.
އެހެންވެ، ޝަރީއަތް ނިމުނުގޮތުގެ ފުރިހަމަ ރިޕޯޓު ލިބުމުން، އިސްތިއުނާފުކުރުމާ މެދު ފަހު ނިންމުމެއް ނިންމާނެ ކަމަށް ބުންޏެވެ.
ހަތް ދައުވާގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި، 12 އަހަރާއި ނުވަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކުރިން އޮތީ އިއްވައިފަ އެވެ. ނަމަވެސް ބާކީ ފަސް ދައުވާއާ މެދު ގޮތެއް ނިންމަން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލަ ބެއްލެވި ގާޒީ ނިންމެވީ އެ ދައުވާތަކުގެ ރުކުންތައް މާނުގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.
ޕީޕީއެމްގެ ވެރިކަން ނިމުމާއެކު، މާނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން ދަނިކޮށް ފިލައިގެން ގޮސް އޭނާ ގިނަ ދުވަސްތަކެއް ވަންދެން އުޅުނީ ރާއްޖެއިން ބޭރުގަ އެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ކުރީކޮޅު މައުމޫން މައްޗަށް ދައުލަތުން ދައުވާކުރި އެވެ. އަދި އަނބުރާ ރާއްޖެ އައުމުން، އޭނާ ފުރުން މަނާކުރި އެވެ.
އެ މައްސަލާގައި ކުރިން މާނުގެ މައްޗަށް ހުކުމް އިއްވަން ކޯޓަށް ހާޒިރުކުރީ ވެސް ފުލުހުންގެ ބަންދުގައި ބަހައްޓައިގެންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި "އެންމެ ބާރުގަދަކޮށް" އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނުނު މާނު ރާއްޖެއިން ބޭރަށް ދިއުމުން، އޭސީސީގެ ތަހުގީގު ޓީމުތައް ވެސް އޭނާގެ ފަހަތުން ގޮސް ތަހުގީގު ނިންމަން ގިނަ މަސައްކަތްތަކެއް ކުރި ކަމަށްވެ އެވެ.