ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ފަޒީންގެ މައްޗަށް ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ފަޒީންގެ މައްޗަށް މިދިޔަ އާދިއްތަ ދުވަހު ދެ ދައުވާއެއް ކޮށްފައިވާ ކަމަށެވެ. އެއީ؛
- ޖިންސީ ގޯނާކުރުން
- ގައިގައި އަތްލުން
މުވައްޒަފަކަށް ފުރައްސާރަކުރި މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އެކަމާ ގުޅިގެން ފަޒީން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައި ވަނިކޮށް އޭނާ ވަނީ މިދިޔަ އަހަރުގެ މާޗް މަހު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އެ ތުހުމަތުތަކާ ގުޅިގެން ފަޒީންގެ ވަކީލު އޭރު ނެރުއްވި ބަޔާނުގައި ބުނީ ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމުން ވެސް "ބުނި ބުނުން" ފިޔަވައި ގުޅުވާލެވޭނެ އިތުރު އެއްވެސް ހެއްކެއް އަދި ގަރީނާއެއް ވެސް ދެއްކިފައި ނުވާ ކަމަށެވެ.
މާޗު، 2021 ގައި މަގާމަށް އައްޔަންކުރި ހިސާބުން ފެށިގެން އިސްތިއުފާ ދެއްވުމާ ހަމައަށް ވެސް މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކޮށްފައިވަނީ ވަކި ފަރާތަކަށް ނުޖެހި، ކޮމިޝަންގެ ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލް ކޮށްދިނުމަށް ކަމަށް އެ ސިޓީގައިވެ އެވެ. އަދި މަގާމުން އިސްތިއުފާ ދެއްވީ، މިނިވަންކަމާއެކު، ކޮމިޝަންގެ މެމްބަރެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް މިވަގުތަށް އަދާކުރެވެން ނެތުމުން ކަމަށް ވެސް ސިޓީގައިވެ އެވެ.
ޖިންސީ ފުރައްސާރަ އަމާޒުވި ކަމަށް ބުނާ މުވައްޒަފު މީގެ ކުރިން "މިހާރު" އަށް ކިޔައިދިން ގޮތުގައި ތަކުރާރުކޮށް އެކި ފަހަރުމަތިން އޮފީސް ތެރެއިން އޭނާއަށް ވަނީ ފަޒީންގެ ފަރާތުން ފުރައްސާރަ އަމާޒު ވެފައިވެ އެވެ. އެކަމާ ގުޅިގެން ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް އަސަރުކޮށް، އޭނާ އޮފީހަކަށް ވެސް ނުނިކުންނަ ކަމަށް އޭނާ ބުނެފައިވެ އެވެ.