ކޮރަޕްޝަންގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ފަސް ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ ކުރީގެ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ރިޝްވަތުގެ ހަތް ދައުވާއެެއް އޭނާގެ މައްޗަށް އުފުލި އެވެ.
އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި، 12 އަހަރާއި ނުވަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކުރިން އޮތީ އިއްވައިފަ އެވެ. ނަމަވެސް ބާކީ ފަސް ދައުވާއާ މެދު ގޮތެއް ނިންމަން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލަ ބެއްލެވި ގާޒީ ނިންމެވީ އެ ދައުވާތަކުގެ ރުކުންތައް މައުމޫންގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.
ޕީޕީއެމްގެ ވެރިކަން ނިމުމާއެކު، މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން ދަނިކޮށް މައުމޫން ރާއްޖެއިން ބޭރަށް ގޮސް ގިނަ ދުވަސްތަކެއް ވަންދެން އުޅުނީ ރާއްޖެއިން ބޭރުގަ އެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ކުރީކޮޅު އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. އަދި އޭނާ އަމިއްލައަށް ރާއްޖެ އައުމުން، އޭނާ ފުރުން މަނާކުރި އެވެ.
އެ މައްސަލާގައި ކުރިން މައުމޫންގެ މައްޗަށް ހުކުމް އިއްވަން ކޯޓަށް ހާޒިރުކުރީ ވެސް ފުލުހުންގެ ބަންދުގައި ބަހައްޓައިގެންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި "އެންމެ ބާރުގަދަކޮށް" އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނުނު މައުމޫން ރާއްޖެއިން ބޭރަށް ދިއުމުން، އޭސީސީގެ ތަހުގީގު ޓީމުތައް ވެސް އޭނާގެ ފަހަތުން ގޮސް ތަހުގީގު ނިންމަން ގިނަ މަސައްކަތްތަކެއް ކުރި ކަމަށްވެ އެވެ.