ކުރިއަށް އޮތް ރޯދަ މަހަށް ގޭބިސީތަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް އަންނަ ހޮނިހިރު ދުވަހު މާލެ ސަރަހައްދުގައި ބަހަން ފަށަން ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަކަށް މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ސަރުކާރުން ހަދިޔާކޮށްފައިވެ އެވެ.
މި އަހަރުގެ ރޯދަ ހަދިޔާ ބެހުމާ ގުޅޭގޮތުން އެކުލަވާލި ޓާސްކު ފޯހުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު މަސްދަޅު ކޭސް ބަހަން ފެށުމުގެ ކުރިން ޓޯކަން ނަގަން ޖެހޭނެ ކަމަށެވެ. އަދި ޓޯކަންއަށް ރަޖިސްޓްރީވާން މިއަދު ވަނީ ހުޅުވާލައިފަ އެވެ.
ރޯދަ ހަދިޔާގެ ޓޯކަންއަށް އެދޭނީ roadhahadhiya.mv އިންނެވެ.
މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ރޭގަނޑު 8:30 އިން 11:00 އަށެވެ. އަދި އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ހުރިހާ ގޭބިސީތަކަށް މަސްދަޅު ދޫކޮށް ނިންމުމަށް ވެސް މަސައްކަތް ކުރާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
ކުރީ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް ދެނީ 48 ދަޅުގެ މަސްދަޅު ކޭހެކެވެ.
މަސްކޭސް ދޫކުރުމަށް މާލެ ސަރަހައްދުގައި 15 މަރުކަޒެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެއީ މާލޭގައި އަށް މަރުކަޒަކާއި ވިލިމާލޭގައި މަރުކަޒެއް އަދި ހުޅުމާލޭގައި ހަ މަރުކަޒެކެވެ.
މަސްދަޅު ދޫކުރަން ހަމަޖެހިފައިވާ ތަންތަން:
މާލެ:
- މިފްކޯ މަރުކަޒު
- ސޯޝަލް ސެންޓަރު
- އެމްޓީސީސީ ސޯމިލް
- ހެންވޭރު ބޯޅަދަނޑު
- ގަލޮޅު ދަނޑު (1)
- ގަލޮޅު ދަނޑު (2)
- ގަލޮޅު ދަނޑު (3)
- ގަލޮޅު ދަނޑު (4)
ހުޅުމާލެ- ފޭސް 1:
- އުމަރު ޒާހިރު ބިލްޑިންގް
- ޕޮލްކޯ ޓަވަރު ތިރީ
- މުހައްމަދު ގާސިމް ޕްރީސްކޫލް
ހުޅުމާލެ ފޭސް 2:
- ކާމިލުދީދީ ސްކޫލް
- ހިޔާޓަވަރު 10
- ވިނަރެސް ފްލެޓް
ވިލިމާލެ:
- ވެމްކޯ ސައިޓް
މިދިޔަ އަހަރުގެ ރޯދަ މަހު ޖުމްލަ 118،673 މަސްދަޅު ކޭސް ސަރުކާރުން ހަދިޔާކޮށްފައިވެ އެވެ. އެއީ މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 56،918 މަސްދަޅު ކޭހާއި ރަށްރަށުގެ ގޭބިސީތަކަށް ހަދިޔާކުރި 60،755 މަސްދަޅު ކޭހެވެ.
ރަށްރަށާއި ސިޓީތަކަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެސްޓީއޯއިންނެވެ. އަދި މާލެ ފިޔަވާ އެހެން ރަށްރަށުގެ ރޯދަހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރަށު ކައުންސިލުތަކުންނެވެ.
ރައީސް ވަނީ އަންނަ ރޯދަ މަހު ގޭބިސީތަކުގެ ކަރަންޓު ބިލުން ވެސް ހާއްސަ ޑިސްކައުންޓެއް ދޭން ނިންމަވައިފަ އެވެ. އަދި އެ ނިންމެވުމާ އެކު، ޑޮމެސްޓިކް ރޭޓުގައި ބިލު ކުރާ ކޮންމެ ގޭބީސީއަކަށް ރޯދަ މަހު ކަރަންޓު ބިލަށް އެންމެ ގިނަވެގެން އަރާނީ 400ރ. ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
މީލާދީ ކަލަންޑަރުގައިވާ ގޮތުގައި މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ 18 ވަނަ ދުވަހެވެ.