ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް ދޫކުރަން ފެށުމާ އެކު، ރޭގެ ނިޔަލަށް 26،700 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި އެވެ.
ލޯކަލް ގަވަނެސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރޭ ވިދާޅުވީ ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް މުޅި ރާއްޖޭގައި މިހާރު ކުރިއަަށް ގެންދާ ކަމަށާއި މާލޭގައި ރޭގެ ނިޔަލަށް 26,739 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށެވެ.
މި މަހު 11 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި މިހާރު ދޫކުރާ ތަންތަނުން ރޯދަ ހަދިޔާ ދޫކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރަނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ރޭގަނޑު 8:30 އިން 11:00 އަށެވެ.
މިދިޔަ އަހަރާ އެއްގޮތަށް، މި އަހަރު ވެސް ދެނީ 48 ދަޅުގެ މަސްދަޅު ކޭހެކެވެ.
މަސްދަޅު ދޫކުރަން ހަމަޖެހިފައިވާ ތަންތަން:
މާލެ:
- މިފްކޯ މަރުކަޒު
- ސޯޝަލް ސެންޓަރު
- އެމްޓީސީސީ ސޯމިލް
- ހެންވޭރު ބޯޅަދަނޑު
- ގަލޮޅު ދަނޑު (1)
- ގަލޮޅު ދަނޑު (2)
- ގަލޮޅު ދަނޑު (3)
- ގަލޮޅު ދަނޑު (4)
ހުޅުމާލެ- ފޭސް 1:
- އުމަރު ޒާހިރު ބިލްޑިންގް
- ޕޮލްކޯ ޓަވަރު ތިރީ
- މުހައްމަދު ގާސިމް ޕްރީސްކޫލް
ހުޅުމާލެ ފޭސް 2:
- ކާމިލުދީދީ ސްކޫލް
- ހިޔާޓަވަރު 10
- ވިނަރެސް ފްލެޓް
ވިލިމާލެ:
- ވެމްކޯ ސައިޓް
ރަށްރަށުގައި މަސްދަޅު ކޭސްތައް ދޫކުރަނީ އެ ރަށެެއްގެ ރަށު ކައުންސިލް މެދުވެރިކޮށެވެ. އަދި ހުރިހާ ރަށަކަށް މިހާރު ވަނީ މަސްދަޅު ކޭސް ބަހަން ފޮނުވައިފަ އެވެ.
މީލާދީ ކަލަންޑަރުގައިވާ ގޮތުގައި މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 18 ވަނަ ދުވަހެވެ.