ފެލިވަރުގެ މަސްކާރުހާނާގައި ހަދާ މަސްދަޅުގެ ކޮލިޓީ އާއި ރަހައަކަށް ބަދަލެއް ނާދެ އެވެ. ސަތޭކަ ކޭސް ނަގާފައި ކޮންމެ ކޭހަކުން ދަޅެއް ކެނޑިޔަސް ތަފާތެއް ނެތެވެ. ޝަކުވާއެއް ކުރާނެ އަދި ސުވާލެއް އުފެއްދޭނެ ޖާގައެއް ނުލިބެ އެވެ. މަސްދަޅުތައް ހުންނަނީ އެއް ކޮލިޓީއެއްގައި ހިފަހައްޓައިފަ އެވެ. 

މި އިތުބާރަކީ ހީނުކުރާހާ ބުރަ މަސައްކަތެކެވެ. މިހާ ގިނަ ދުވަސް ވަންދެން ކޮލިޓީ ހިފެހެއްޓުމުގެ ފަހަތުގައި ފެލިވަރުގެ ހީވާގި ޓީމެއް ރެ އާއި ދުވާލު ލެބޯޓްރީގައި ހަރަކާތްތެރިވެ އެވެ.  

ސުވާލަކީ އެއް ފެންވަރެއްގައި މިހާ ގިނަ ދުވަސް ވަންދެން މަސްދަޅު އުފެއްދުމުގެ ފަހަތުގައި އޮތީ ކޮން ކަމެއް ހެއްޔެވެ؟ އޭގެ ފަހަތުގައި ތިބީ ކޮން ބައެއް ނުވަތަ ކާކުގެ ބުރަ މަސައްކަތް ބާވަ އެވެ؟

އޭގެ ތެރެއިން އެކަކީ ފެލިވަރަށް ކިރާ ހުރިހާ މަހެއްގެ ކޮލިޓީ ކޮންމެ ދުވަކު ޓެސްޓުކޮށް، މިންގަނޑަށް ފައްތަން މި ރަށުގައި ހާއްސަ ކޮށްފައިވާ ކޮލިޓީ އެޝުއަރެންސް ޑިޕާޓުމަންޓުގެ ސުޕަވައިޒަރު ޅ. ނައިފަރަށް އުފަން އަހުމަދު ޝާފިއު އެވެ. 

ޝާފިއު، ފެލިވަރުގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓުމަންޓަށް ވަންނަނީ: އެއް މަސައްކަތެއްގައި އުޅޭތާ 27 އަހަރު ވެއްޖެ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ޝާފިއު، ފެލިވަރުގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓުމަންޓަށް ވަންނަނީ: އެއް މަސައްކަތެއްގައި އުޅޭތާ 27 އަހަރު ވެއްޖެ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ފެލިވަރުގައި މަސައްކަތް ކުރާތާ 27 އަހަރު ވެފައިވާއިރު އޭނާގެ އެންމެ ފުރަތަމަ ވަޒީފާއަކީ ވެސް މަހުގެ ކޮލިޓީ ބަލައި ޓެސްޓު ކުރުމެވެ. އުމުރުން މިހާރު 56 އަހަރުގެ ޝާފިއުއަކީ ފެލިވަރަށް ގަންނަ މަސްތަކުގެ ފެންވަރު ބަލަން ހާއްސަ ލެބޯޓްރީގެ ސުޕަވައިޒަރެއްގެ އިތުރުން އެ ތަނުގެ މައިކްރޯ ބަޔޮލޮޖީ އާއި ކެމިސްޓްރީ ބަޔޮލޮޖީއާ ގުޅޭ ހުރިހާ ކަމެއް ކުރާ އިސް މުވައްޒަފު ވެސް މެ އެވެ. އޭގެ އިތުރުން މަސްދަޅަށް އަޅަން ބޭނުންކުރާ ތެލާއި ލޮނުގެ ކޮލިޓީ ވެސް ޓެސްޓު ކުރަނީ ޝާފިއު އިސްވެ ހުރެގެންނެވެ. 

ފެލިވަރު ކާރުހާނާގައި ބަންދުކުރާ އަދި މި ރަށަށް ގެންނަ މަސްތައް ޓެސްޓު ކުރުމުގެ ތަޖުރިބާ އޭނާ ހޯދީ އެއްވެސް ވަރަކަށް ކިޔަވައިގެނެއް ނޫނެވެ. ހުރިހާ އެއްޗެއް ދަސްކުރީ ޝާފިއުއާ އެކު މަސައްކަތް ކުރި ރާއްޖެ އިން ބޭރުގެ ޓެކްނީޝަނުންގެ ފަރާތުންނެވެ. 

އޭނާ ފުރަތަމަ ފެލިވަރާ ގުޅުނުއިރު ލެބޯޓްރީގައި ތިބީ ފިލިޕިންސް މީހުންނެވެ. އޭގެ ފަހުން އައީ އިންޑިއާ ޓެކްނީޝަނެކެވެ. އެ މީހުންގެ ފަރާތުން ދަސްވި އެއްޗެއް ފިޔަވައި އެހެން އެެއްވެސް ހުނަރެއް ޝާފިއުއަށް ލިބިފައެއް ނެތެވެ. އެކަމަކު، މަސްދަޅު ބަންދުކުރުމުގެ ކުރިން ހަދަންޖެހޭ ހުރިހާ ޓެސްޓެއް ހިތުން ކިޔައިލެވޭހާ މޮޅެވެ. 

ފެލިވަރު މަސްދަޅު ބަންދުކުރުމުގެ ކުރިން އެ މަހުގެ ކޮލިޓީ ޓެސްޓެއް ޝާފިއު ހަދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ފެލިވަރު މަސްދަޅު ބަންދުކުރުމުގެ ކުރިން އެ މަހުގެ ކޮލިޓީ ޓެސްޓެއް ޝާފިއު ހަދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"މަސްދަޅު ބަންދުކުރާއިރު ތެލުގައި ހުންނަންޖެހޭ ވެލިއުތައް، އަޔޮޑިން، އެފްއެފްއޭ މި ހުރިހާ އެއްޗެއް ވެސް އަޅުގަނޑަށް އެނގޭނެ. ތިން ވައްތަރެއްގެ ތެޔޮ ބޭނުންކުރާނީ. އެ ތެޔޮ ހުންނަންޖެހޭ ވަރު އެނގޭނެ. އެއީ އާންމުކޮށް އަޅުގަނޑުމެން ހަދާ ޓެސްޓު. މިއާ ގުޅޭ ގޮތުން ދުނިޔޭގެ ފެންވަރުގެ ޓެސްޓު މިހާރު ހެދޭނެ،" ޝާފިއު ބުންޏެވެ.

އޭނާ ބުނި ގޮތުގައި މި ވަގުތު އަތުގައި ނެތީ އެންމެ ބޭނުންވާ ދާއިރާގެ ސެޓްފިކެޓެއް އެކަންޏެވެ.  

"ދެ ގަޑިއިރަށް ވުރެ އިތުރުވެއްޖިއްޔާ ލެބޯޓްރީ އަށް ގެނެސް ޓެސްޓު ކޮށްފައި ރަހަ ވެސް ބަލާނެ އިތުރު ރަހައެއް ދޭތޯ ބަލަން. އިންކިޔުބޭޝަންގައި 10 ދުވަސް ވަންދެން ބަހައްޓާފައި ޓެސްޓު ކޮށްފައި އެ ރިލީޒް ކުރާނީ،" 
ޝާފިުއ

ފެލިވަރަށް މަސް ކިރަން ދޯންޏެއް އައުމާ އެކު، ޝާފިއުމެންގެ ޓީމުގެ އިންސްޓްރަކްޓަކު އެ ދޯންޏަށް އަރައި އެ ދޯނީގެ ޓަނޭޖު ބަލާނެ އެވެ. އޭގެ ފަހުން ކޮންމެ ޓަނޭޖަކުން ތިން ސާމްޕަލް ނަގައި ޓެމްޕަރޭޗަ ރީޑިން ނަގާނެ އެވެ. އެއީ ކޮންމެ ދުވަހަކު ކުރަންޖެހޭ މަސައްކަތެކެވެ. 

"މިއަދު ނަމަ ޓެމްޕަރޭޗާ ހުންނަން ވާނީ 13 ޑިގްރީ އަށް ވުރެ ދަށްކޮށް، 24 ގަޑިއިރު ވެއްޖިއްޔާ ތިން ޑިގްރީ އަށް ވުރެ ދަށްކޮށް. ލެބޯޓްރީ އަށް އެ ސާމްޕަލް ގެނެސް އެ ޓެސްޓު ކުރާއިރު ޓެސްޓުގެ ނަތީޖާ 30 ޕީޕީއެމަށް ވުރެ ދަށްކޮށް ހުންނަން ޖެހޭނީ. އެ އަށް ވުރެ މަތިވެއްޖިއްޔާ ކޮންމެވެސް އެހެން ކަމަކަށް އެ ބޭނުން ކުރަން ޖެހޭނީ،" މަސް ޓެސްޓު ކުރުމުގެ ޕްރޮސެސް ކުރިއަށް ގެންދާ ގޮތް ޝާފިއު ކިޔައިދިނެވެ. 

މަސްދަޅު ބަންދުކުރުމުގެ ކުރިން ފެލިވަރު ކޭނަރީގެ މުވައްޒަފުން މަސް ސާފުކުރަނީ: މަސް ސާފުކުރުމުގެ މަރުހަލާގައި ވެސް ލެބޯޓްރީ އިންސްޕެކްޓަރުންގެ ބައިވެރިވުން އޮވޭ.---ފޮޓޯ: ނިޝާން އަލީ| މިހާރު
މަސްދަޅު ބަންދުކުރުމުގެ ކުރިން ފެލިވަރު ކޭނަރީގެ މުވައްޒަފުން މަސް ސާފުކުރަނީ: މަސް ސާފުކުރުމުގެ މަރުހަލާގައި ވެސް ލެބޯޓްރީ އިންސްޕެކްޓަރުންގެ ބައިވެރިވުން އޮވޭ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އޭނާ ބުނި ގޮތުގައި، 30 ޕީޕީއެމަށް ވުރެ ދަށްކޮން ނަތީޖާ އަތުވެއްޖެ ނަމަ ދަޅުގައި ބަންދުކުރަން އެ މަސްތައް ކަމަކު ނުދާނެ އެވެ. ލެބޯޓްރީން ބަލާ މިންގަނޑަށް ނުފެތޭނެ އެވެ. ތެލާއި ލޮނުގެ ކޮލިޓީއާ ވެސް ނުގުޅޭނެ އެވެ. 

މަސްދަޅު ބަންދުކުރާ ކޭނަރީ އަށް މަސް ގެންދިއުމަށް ފަހު ވެސް ޝާފިއު އާއި އޭނާގެ ޓީމުން ވަރަށް ކައިރިން އެ ޕްރޮސެސް ބަލަންޖެހެ އެވެ. މަސް ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދާ ގޮތް ބަލާނެ އެވެ. މަސް ސާފުކުރުމުން ފެށިގެން ދަޅުގައި މަސް ބަންދުކުރުމާ ދޭތެރޭގައި ދެ ގަޑިއިރަށް ވުރެ އިތުރު ވަގުތު ހިނގައިގެން ނުވާނެ އެވެ. 

"ދެ ގަޑިއިރަށް ވުރެ އިތުރުވެއްޖިއްޔާ ލެބޯޓްރީ އަށް ގެނެސް ޓެސްޓު ކޮށްފައި ރަހަ ވެސް ބަލާނެ އިތުރު ރަހައެއް ދޭތޯ ބަލަން. އިންކިޔުބޭޝަންގައި 10 ދުވަސް ވަންދެން ބަހައްޓާފައި ޓެސްޓު ކޮށްފައި އެ ރިލީޒް ކުރާނީ،" ޝާފިއު ބުންޏެވެ.

ފެލިވަރު މަސްދަޅު ބަންދުކުރުމުގެ ކުރިން އެ މަހުގެ ކޮލިޓީ ޓެސްޓެއް ޝާފިއު ހަދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ފެލިވަރު މަސްދަޅު ބަންދުކުރުމުގެ ކުރިން އެ މަހުގެ ކޮލިޓީ ޓެސްޓެއް ޝާފިއު ހަދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެ ހިސާބުން އަދި ނުނިމެ އެވެ. ކާރުހާނާގައި އެ ދުވަހެއްގެ ސްޓޮކް ނުވަތަ އެ ދުވަހަކަށް ކަނޑައަޅާފައިވާ އަދަދަށް މަސްދަޅު ބަންދުކުރުމުން ވަކި އަދަދަކަށް އެ ދަޅުތައް ލެބޯޓްރީ އަށް ގެނެސް ރެންޑަމް ޓެސްޓުތަކެއް ހަދާނެ އެވެ. އެކްސްޕޯޓް ކުރަން ހާއްސަ ދަޅުތައް ނަމަ އެ އިން ކޮންމެ ޕްރޮޑަކްޓަކުން ނުވަ ސާމްޕަލް އަދި ލޯކަލް ސަޕްލައި އަށް ދޫކޮށްލާ ދަޅުތަކުން ތިން ސާމްޕަލް ނަގައި ޓެސްޓު ކުރާނެ އެވެ.

"ކޮންމެ ސާމްޕަލެއް ރެންޑަމްކޮށް ނަގާނީ. އެ ސާމްޕަލްތަކުގެ ހިސްޓަމިން ހަދައިގެން ކުރިއަށް ގެންދާނީ. ހިސްޓަމިން ރަނގަޅިއްޔާ އެ ރަނގަޅުވީ. ވީޓު ވެސް ކަނޑައަޅާ މިނެއްގައި ހުންނަން ޖެހޭނީ. މިސާލަކަށް ލޯކަލް ދަޅެއް ނަމަ 180 ގްރާމް ހުންނަ ޖެހޭނެ. އެ ވަރު ނެތިއްޔާ އެ ދަޅު ކެންޓީނަށް ދިނުން ނޫނީ އެހެން ބޭނުމަކަށް ދޫކޮށްލާނީ،" ޝާފިއު ބުންޏެވެ.

އަހަރެމެންގެ ސުފުރާ މައްޗަށް މަސްދަޅު އަންނަނީ ކޮންމެ ދުވަހަކު ވެސް އެތައް ޓެސްޓެއް ހަދައިގެންނެވެ. އޭގެ ތެރޭގައި:

  1. ހިސްޓަމިން ޓެސްޓު
  2. ވީޓް ޓެސްޓު. މި ޓެސްޓު ކުރާއިރު މަސްދަޅުގެ ނެޓް ވެއިޓް، ޑްރެއިން ވެއިޓް، ތެލާއި ފްލޭކްގެ ބަރުދަން އަދި ކައްޓާއި ހުޅުނބު ފަދަ ބާވަތްތައް ހުރި ވަރު ބަލާނެ. އެ ޓެސްޓުތަކުން ފާސްނުވެއްޖެ ނަމަ އެ ޕްރޮޑަކްޓެއް ޑައުންގްރޭޑް ކޮށްފައި ދޫކޮށްލާނީ އެހެން ބޭނުންތަކަށް.

އުމުރުން 18 ވަރަކަށް އަހަރުގައި ފެލިވަރާ ގުޅި، މިއަދު އޭނާއަކީ މަސްދަޅު ބަންދުކުރާ ކާރުހާނާގެ "ޑޮކްޓަރު" އެވެ. އެ ތަނުގައި އުޅެމުން މީހަކާ އިނދެ ދަރިން ލިބިއްޖެ އެވެ. އުމުރުން 18 އަހަރާއި 21 އަހަރުގެ ދެ ކުދިން އެބަތިއްބެވެ. ރަށުގައި ފެންވަރު ރަނގަޅު ގެއެއް ހަދައިފި އެވެ. އެއީ މުޅިން ވެސް ފެލިވަރުން ލިބުނު އުފާވެރިކަމާއި ނަފާވެރިކަމެވެ. އިތުރު ކަމެއް ނެތެވެ. 

ފެލިވަރު މަސްދަޅު ބަންދުކުރުމުގެ ކުރިން އެ މަހުގެ ކޮލިޓީ ޓެސްޓެއް ޝާފިއު ހަދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ފެލިވަރު މަސްދަޅު ބަންދުކުރުމުގެ ކުރިން އެ މަހުގެ ކޮލިޓީ ޓެސްޓެއް ޝާފިއު ހަދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެކަމަކު، އޭނާ އަށް އަދި ހާސިލް ނުވާ އެއް ކަމެއް އެބައޮތެވެ. އެ މާޔޫސްކަން ވަރަށް ބޮޑެވެ. އެއީ ތަމްރީނެވެ. ދެ އަހަރުން އެއް އަހަރު ލެބޯޓްރީން ފުރާ ފޯމުގައި ވެސް ޝާފިއުގެ ކޮމެންޓަކީ އޭނާ މަސައްކަތް ކުރާ ދާއިރާގެ ތަމްރީނެއް ފަހިކޮށްދިނުމެވެ. 

"އަޅުގަނޑަށް އެންމެ ރަނގަޅު ރާއްޖެ އިން ބޭރުން ވިޔަސް ރާއްޖެ އިން ވިޔަސް ތަމްރީނެއް ލިބިއްޖިއްޔާ ވަރަށް ފުރިހަމަ ވާނެ. ސެޓްފިކެޓެއް ނެތީ،" ޝާފިއު ބުންޏެވެ. 

މިވަގުތު އެއީ ލެބޯޓްރީގެ ސުޕަވައިޒަރު ކަމަށް ވިޔަސް ޓެކްނީޝަނަކަށް ވުމުގެ އުންމީދު އޭނާގެ ހިތުގައި ބޮޑެވެ. އެ ދާއިރާގެ އިލްމާއި ގާބިލްކަން އަދި ހިލްމު ވެސް އެބަހުއްޓެވެ.