ކޮމަންވެލްތް ގައުމުތަކުގެ ޕާލަމެންޓްތަކުގެ ރައީސުންނާއި އޮފިސަރުންގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންޑިއާގެ ނިއުދިއްލީއަށް ފުރާވަޑައިގަންނަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހަށް ކުރައްވާ އެ ދަތުރުފުޅުގައި އަބްދުއްރަހީމްގެ އަރިހުގައި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުާއި މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ އަޙްމަދު ނިހާން ހުސައިން މަނިކާއި ސީނިއަރ ފޮރިން ރިލޭޝަންސް އޮފިސަރު އައިޝަތު އީމާން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

ކޮމަންވެލްތު ގައުމުތަކުގެ ޕާލަމެންޓްތަކުގެ ރައީސުންގެ 28 ވަނަ ކޮންފަރެންސް ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އިންޑިއާ ޕާލަމެންޓްގެ ބާ އިމާރާތް "ސަމްވިދާން ސަދާން" ގައި ބާއްވާ ރަސްމިއްޔާތެއްގައި އެ ކޮންފަރެންސް ފަށްޓަވައިދެއްވާނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. 

ކޮމަންވެލްތުގެ 56 ގައުމުގެ ތެރެއިން 42 ގައުމެއްގެ ޕާލަމެންޓްތަކުގެ ރައީސުން އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެ އެެވެ. 

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މިފަހަރުގެ ކޮންފަރެންސްގައި ބައިވެރިނުވަނީ ޕާކިސްތާނާއި ބަންގްލަދޭޝުންނެވެ. ބަންގްލަދޭޝް ބައިވެރިނުވަނީ އެގައުމުގެ ޕާލަމެންޓް އުވާލާފައި އޮތުމުންނެވެ. އަދި ޕާކިސްތާނުން ބައިވެރިނުވާ ވަކި ސަބަބެއް ހާމައެއް ނުކުރެ އެވެ. އިންޑިއާއިން ޕާކިސްތާނަށް މިފަހުން ދިން ހަމަލާތަކާއި އޭގެ ރައްދުގައި ޕާކިސްތާނުން ދިން ހަމަލާތަކަށްފަހު ދެގައުމުގެ ގުޅުން މިހާރު އޮތީ ކުރިއަށް ވުރެ ވެސް ގޯސްވެފަ އެވެ. 

ކޮމަންވެލްތަކީ އިނގިރޭސީން އިސްތިއުމާރު ކުރުމަށްފަހު މިނިވަންވެފައިވާ ގައުމުތަކަށް ނިސްބަތްވާ ޖަމާއަތެކެވެ.