ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ރިޔާސަތު ވަނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްއާ ހަވާލުކުރައްވައިފަ އެވެ.
އަބްދުއްރަހީމް އިންޑިއާއަށް ފުރާވަޑައިގަންނަވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ކަމަށްވާ ލޮކްސަބާ ރައީސް ޝްރީ އޯމް ބިރްލާގެ ދައުވަތަކަށެވެ.
އިންޑިއާގެ ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި މަޖިލީހުގެ ވަފުދަކާއެކު އަަބްދުއްރަހީމް އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ.
މިއީ އިންޑިއާއިން އަވަށްޓެރި ގައުމުތަކަށް އިސްކަން ދިނުމަށް ގެންގުޅޭ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާ ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރާ ދަތުރެއް ކަމަށް ބުނެފައިވެ އެވެ.
މިއީ މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަބްދުއްރަހީމް އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.