ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން އަހުމަދު ޝަމާހު ރަޝީދު ވަކިކުރުމާއި އެ ކުންފުނީގެ ޕްރޮކިއުމެންޓް ޑިޕާޓްމަންޓުގެ އިސް ވެރިޔާ އަޒްހަދު ރަމީޒު މަގާމުން އެއްފަރާތް ކުރުމާއި ލީކް ކޮށްލައިގެން އުޅޭ އޯޑިއޯގެ ހިމެނޭހެން، އެ ކުންފުނިން ހިންގައިގެން އުޅެނީ ކޮން ކަމެއް ކަން ސަރުކާރުން ކިޔައިދޭން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
އެ ޕާޓީން ބޭއްވި ޕްރެސް ބްރީފިންއެއްގައި ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، ލީކްކޮށްލައިގެން އުޅޭ އޯޑިއޯއަކީ ސައްހަ އެއްޗެއްތޯ ސަރުކާރުން ބަލައި އެ ކަން ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމަށެވެ.
އޭނާ އެ އިޝާރާތް ކުރެއްވީ ސްޓެލްކޯ އިން އިއްޔެ ވަކިކުރި ޝަމާހު ކަމަށް ބެލެވޭ މީހަކު އެ ކުންފުނި މެދުވެރިކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ފަހުރުވެރިކަމާ އެކު ބުނާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާތީ އެވެ.
"މިކަންކަމާ ސަރުކާރުން ޖަވާބުދާރީވާން ޖެހޭނޭ އަޅުގަނޑު މި ދަންނަަވަނީ. މި އޯޑިއޯގެ ވެސް ވެރިފިކޭޝަން ހަދައި، މިއީ ދޮގެއްތޯ ނޫނީ ތެދެއްތޯ ރައްޔިތުން ކުރިމަތީގައި ހާމަކުރެވެން ޖެހޭ،" ޣަފޫރު ވިދާޅުވި އެވެ.
"ކީއްވެގެންތޯ އެމްޑީ ވަކިކުރީ މިތަނުގައި [ސްޓެލްކޯގައި] ކިހާވަރެއްގެ ކޮރަޕްޝަން ކަންތައްތަކެއްތޯ ހިނގާފައި ހުރީ އެކަންކަން ރައްޔިތުންނަށް ސާފުވާން އެބަޖެހޭ."
ނަމަވެސް ޝަމާހު ރޭ ވިދާޅުވެފައި ވަނީ އެ އޯޑިއޯގައި އިވެނީ އޭނާގެ އަޑު ނޫން ކަމަށާއި އެއީ އޭނާ ފްެރޭމް ކުރުމަށް ބަޔަކު ކުރި ކަމެއް ކަމަށެވެ.
ޣަފޫރު ވިދާޅުވި ގޮތުގައި ސްޓެލްކޯގައި ހިނގައިގެން އުޅޭ ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނަށް ދޭން ޖެހެނީ ކަރަންޓު ބިލު ބޮޑުުވުން ފަދަ ޝަކުވާތައް ހުރުމުންނެވެ. ގޭގޭގައި ކަރަންޓު ބޭނުންކުރަން ޖެހޭ އާލާތަތްތައް އިތުރު ކުރުމަކާ ނުލައި، ބިލުބޮޑުވާ ކަމަށް ވިދާޅުވެ، އެއީ ހޫނު ގަދަވުމުގެ ސަބަބަުން ވާ ކަމެއް ކަމަށް ބުނާ ބުނުމަށް ޣަފޫރު ހަޖޫޖެއްސެވި އެވެ.
ޣަފޫރު ތަކުރާރުކޮށް ވިދާޅުވީ އެ ހުރިހާ ކަމަކަށް ސަރުކާރުން ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި ސަރުކާރެއް ހޮވާފައި އޮންނަނީ ރައްޔިތުންނަށް ޖަވާބުދާރީވާން ކަމަށެވެ.
ޝަމާހުގެ ކޮރަޕްޝަނުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުންޏެވެ.
އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އިއްޔެއާ ހަމައަށް ސްޓެލްކޯގެ އެމްޑީގެ މަގާމު ފުރުއްވި ޝަމާހު އަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައެއް ހުށަހަޅާފައިވާތީ އެކަން ބަލަމުން އަންނަ ކަމަށެވެ. އެކަމަކު އެ މައްސަލަ ހުށަހެޅީ ކޮން ފަރާތަކުން ކަމެއް އޭސީސީން ނުބުނެ އެވެ.
ޝަމާހު އެ މަގާމުން ވަކިކޮށްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒަން ބޯޑުން އިއްޔެ ބުނެފައިވިޔަސް އޭނާ ވަކިކުރި ސަބަބެއް ނުބުނެ އެވެ.