ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުން ހޮވުމަށް މާދަމާ ބާއްވާ ޕްރައިމަރީގައި ބަލި ވިޔަސް، ޓިކެޓު ކާމިޔާބުކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު އެދިވަޑައިގެންފި އެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ޕްރައިމަރީގެ ވޯޓުގެ ކުރިން ޕާޓީގެ މެމްބަރުންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ޣަފޫރު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިމޮކްރެޓިކް ހަރަކާތްތައް ހިންގާ ޕާޓީ ކަމަށެވެ. އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ ހުރިހާ މަސައްކަތެއް ކުރީ އެ ޕާޓީން ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރުކަން ކުރައްވާ ޣަފޫރު ވިދާޅުވީ ޕްރައިމަރީގެ ވޯޓުގައި ޕާޓީގެ ހުރިހާ މެމްބަރުން ބައިވެރިވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށާއި އަދި ވޯޓުގެ ކަންކަން ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ލޯކަލް ކައުންސިލްތަކުގެ ޕްރައިމަރީގައި ވޯޓުލާން ހަމަޖައްސާފައިވާ ހުރިހާ މަރުކަޒުތަކެއްގެ ތައްޔާރީތައް ނިމި، އިންތިޒާމުތައް މިހާރު ފުރިހަމަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ ހަމަ އަޅުގަނޑު ކުރިން ދެންނެވިހެން، ބަލިވާ ކެނޑިޑޭޓުން ވެސް މޮޅުވާ ކެނޑިޑޭޓުންނާ އެކު، ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ގަދައަޅައި، ހުރިހާ މީހުން ގުޅިގެން މަސައްކަތްކުރަން،" ޣަޕޫރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަދަލެއް ގެންނަން ޖެހޭކަން ރައްޔިތުން މިއަދު ގަބޫލުކުރޭ. އެ ބަދަލު ގެނެވޭނީ ހުރިހާ ކެނޑިޑޭޓުން ވެސް އަދި އެމްޑީޕީއަށް ސަޕޯޓްކުރާ ހުރިހާ މީހުން ވެސް މި ޕްރައިމަރީއަށްފަހު ހުރިހާ އެންމެން އެއްކޮށް ގަދަކޮށް، މަސައްކަތްކޮށްގެން އިންތިހާބު ކާމިޔާބުކުރުން."
އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް މާދަމާ ބާއްވާ ޕްރައިމަރީގެ ވޯޓުގައި ރަށު ކައުންސިލްތަކުގެ އިންތިހާބަށް 25 ރަށަކުން 92 ކެންޑިޑޭޓުން ވާދަކުރެ އެވެ. އަދި ސިޓީގެ ގޮތުގައި ބަލާ ފަސް ރަށަކުން 37 ކެންޑިޑޭޓުންނާ އެކު، ޖުމްލަ 129 މީހަކު ވާދަކުރެ އެވެ.
އެމްޑީޕީގެ ޓިކެޓު ހޯދަން އަންހެނުންގެ ކޮމެޓީއަށް 23 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ ރަށްރަށުން 15 މީހަކާއި މާލެއިން އަށް މީހެކެވެ.
ޕްރައިމަރީގައި އެންމެ ވާދަވެރިކޮށް ފެންނަނީ މާލޭ ސިޓީގެ މޭޔަރުގެ މަގާމަށެވެ. އެ މަގާމަށް މިހާރުގެ މޭޔަރު އާދަމް އާޒިމްއާ ވާދަކުރައްވަނީ ކުރީގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.
ޕްރައިމަރީގައި ވާދަނުކޮށް ވެސް ބައެއް ކެންޑިޑޭޓުންނަށް ވަނީ އެމްޑީޕީގެ ޓިކެޓް ލިބިފަ އެވެ.