ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރެވޭނެ ކަމާ މެދުގައި އެއްވެސް ޝައްކެއް ނެތް ކަމަށާއި އަތުން ލޮނދި ހިކައެއް ބީވެގެންދާ އުސޫލުން އެ އިންތިހާބު "ޖަހައިގަންނާނެ" ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ރޭ ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ޣަފޫރު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބަށް އެ ޕާޓީ އޮތީ ގަދަކޮށް ކަމަށާއި އެ އިންތިހާބުގެ ތައްޔާރީތައް ވެސް ވަރަށް ފޯރީގައި ކުރަމުން އަންނަ ކަމަށެވެ. އެ އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރަން ރާއްޖޭގެ ބޮޑެތި ސިޓީތައް ވެސް ތިބީ އެމްޑީޕީއާ އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާ.-- ފޮޓޯ: އެމްޑީޕީ
ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާ.-- ފޮޓޯ: އެމްޑީޕީ

ޣަފޫރު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އެ އިންތިހާބުގައި އެމްޑީޕިއާ އެކު މަސައްކަތްކޮށް، ޑިމޮކްރެޓިކް އުސޫލުތައް މި ގައުމަށް އިޔާދަކޮށް، ރައްޔިތުންގެ ހަމަޖެހުމާއި ލާބަޔަށް މަސައްކަތްކުރާ ސަރުކާރެއް މި ގައުމުގައި ގާއިމްކުރަން ކަމަށެވެ. 

ސަރުކާރު ހިންގާ ޕީއެންސީން ވެރިކަމަށް އައުމަށް ވީ އެއްވެސް ވައުދެއް މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ފުއްދާދެވިފައި ނުވާ ކަމަށާއި ރައްޔިތުން ހާލުގައި ޖައްސާފައިވާ ކަމަށް ޣަޕޫރު ވިދާޅުވި އެވެ. 

ތިބޭފުޅުންނަށް އަޅުގަނޑު މި ދޭ ޔަގީން ކަމަކީ އިރާދަކުރެއްވިއްޔާ އަތުން ލޮނދި ހިކައެއްހެން ބީވެގެންދާ އުސޫލުން މި އިންތިހާބު އަޅުގަނޑުމެން ޖަހައިގަންނާނަން، މި ސަރުކާރުން. 
އަބްދުލްޣަފޫރު މޫސާ (ގަޕޯ)، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން

ޣަޕޫރު ވިދާޅުވި ގޮތުގައި، ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ވާނެ ކަމާ މެދުގައި އެއްވެސް ޝައްކެއް ނެތެވެ. އެެކަމަކު، އެ ޕާޓީގެ މެމްބަރުން ކުރަންވީ ކަމަކީ އުފެދޭ ހިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށްފައި ގަދަކޮށް، އެއްކޮށް ތިބުމެވެ. 

"އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ އުފެދޭ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ނުކަސިޔާރު ކަންތައްތައް ކުރަން ވެއްޖެ ކަމަށް ވަންޏާ އަޅުގަނޑުމެން ބޭނުންވާ އަދަދަށް މި ގޮނޑިތަކެއް އަޅުގަނޑުމެންނަށް ކާމިޔާބެއް ނުވާނެ. އެހެންވީމަ، މި ގައުމުގެ ހައްގުގައި، އަޅުގަނޑުމެންގެ ޕާޓީގެ ހައްގުގައި، ޕާޓީގެ މަސްލަހަތަށް ބަލައި، އަޅުގަނޑުމެން އެބަޖެހޭ މިއަދު އެއްބައިވެގެން އެންމެ އެކުގައި މަސައްކަތްކުރަން،" ޣަޕޫރު ވިދާޅުވި އެވެ. 

"ތިބޭފުޅުންނަށް އަޅުގަނޑު މި ދޭ ޔަގީން ކަމަކީ އިރާދަކުރެއްވިއްޔާ އަތުން ލޮނދި ހިކައެއްހެން ބީވެގެންދާ އުސޫލުން މި އިންތިހާބު އަޅުގަނޑުމެން ޖަހައިގަންނާނަން، މި ސަރުކާރުން." 

އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުންތައް އެންމެ ބޮޑުވީ، އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގެ ދުވަސްވަރު ކުރީގެ ރައީސް އަދި އެ ޕާޓީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިނގި އަރައިރުންތަކަށް ފަހު އެވެ. ނަޝީދާއި އިބޫ ވާދަކުރެއްވުމަށް ފަހު، ބޮޑެތި ތުހުމަތުތަކަކާ އެކު ނަޝީދު އެ ޕާޓީއާ ފެއަށް ޖެހިވަޑައިގެން ސަޕޯޓަރުންނާ އެކު ޑިމޮކްރެޓްސް އުފައްދަވައި ސިޔާސީ ހަރަކާތް ކުރިއަށް ގެންދެވީ ވަކިންނެވެ. ޕާޓީގައި އުފެދުނު ބައިބައިވުންތަކަށް ފަހު އެމްޑީޕީއަށް އެންމެ ފަހުގެ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ވަނީ ނާކާމިޔާބުވެފަ އެވެ. 

އެ މައްސަލަގަނޑަށް ފަހު ފުރަތަމަ ފަހަރަށް އެ ދެ ބޭފުޅުން ވަނީ މިދިޔަ މަހު ބައްދަލުކުރައްވައި، އެ ހިޔާލު ތަފާތުވުންތަކެއް ނިމުމެއް ގެނުއްވައިފަ އެވެ. ނަޝީދާއި އިބޫ ވިދާޅުވި ގޮތުގައި، މާޒީގައި އެ ދެބޭފުޅުންގެ މެދުގައި ހިނގާފައިވާ ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، އަލުން ގުޅިވަޑައިގަތީ އެމްޑީޕީގެ ހިންގުން ހަރުދަނާ ކުރެއްވުމުގެ ބޭނުމުގަ އެވެ. 

އެމްޑީޕީން އަންނަނީ އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް، މި މަހު 16 ގައި ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންނެވެ.