މަސްތުވާތަކެތި އެތެރެކޮށް އެތަކެތީ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކެއް ހުއްޓުވައި ގާނޫނީ ފިޔަވަޅު އެޅުމަށް މިހާރު ކުރިއަށް ގެންދާ އޮަޕަރޭޝަނުގެ ތެރެއިން 10 ތަނެއް ބަަލައިފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
"އޮޕަރޭޝަން އަލިމަގު" ގެ ދަށުން މިއަދު ހެނދުނުއްސުރެ ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެކެވެ. ގއ. އަތޮޅުގެ އިތުރުން މާލޭގައި ވެސް އެ އޮޕަރޭޝަން ކުރިއަށް އެބަދެ އެވެ.
އެ އޮޕަރޭޝަނާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ މިހާތަނަށް 10 ތަނެއް ބަަަލައިފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން ބައެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
އެ މައްސަލާގައި މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ އޮޕަރޭޝަނުގައި ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމާއި ގަނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް އެބަދާ ކަމަށެވެ.
ޑްރަގުގެ ވިޔަފާރި ހުއްޓުވަން މިދިޔަ ނޮވެމްބަރު މަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނުގައި ވަނީ ޑްރަގް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ގދ. އާއި ގއ. އަތޮޅުން ބަޔަކު ހައްޔަރުކޮށްފަ އެވެ. ރާއްޖެއަށް ކަނޑުމަގުން ޑްރަގް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ދެ އަތޮޅުން 16 މީހަކު ހައްޔަރުކުރި އެވެ.
އެ މީހުންގެ އަތުން ޖުމްލަ 12 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ.