މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވެ، ބާރުމިނުގައި ކުރިއަރައިގެން ދިޔައިރު، އެކަން ހުއްޓުވަން ހަދާފައި އޮތް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އޮތީ ނުކުޅެދިފަ އެވެ. މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކުރުން ގިނަވެ، ބޮޑެތި ނެޓްވޯކްތަކުގައި ކުރިފަޅައި އާ ޓްރެންޑްތައް ރާއްޖެއަށް ފައްކާކުރަމުންދިޔައީ 2011 ވަނަ އަހަރު ފާސްކުރި ގާނޫނުގައި ހުރި ބޮޑެތި ބާގަނޑުގެ ތެރެއިން ދެމިގަނެގެންނެވެ. 

މަސްތުވާތަކެތީގެ ވަބާ އާއި އެ ވިޔަފާރީގެ ޓްރެންޑާ އެއްވަރަށް ގާނޫނު ތަރައްގީ ނުވެ، އާދައިގެ ކުދި އިދާރީ އިސްލާހުތަކެއް މެނުވީ މިހާތަނަށް ގާނޫނަކަށް ނާދެ އެވެ. އެކަމަކު، މަސްތުވާތަކެތީގެ ގާނޫނަކީ އެހެން ގައުމުތަކުގައި ވެސް އެންމެ ގިނައިން އެންމެ އަވަސްއަވަހަށް ބަދަލު އަންނަ ގާނޫނުކަމުން އޭގެ މުހިންމު ކަން ވަޒަން ކުރެވެ އެވެ.

މަސްތުވާތަކެތީގެ ގާނޫނުގެ ދޯހަޅިކަމުގެ ކަންބޮޑުވުން ފުލުހުންނާއި ގާޒީންނާއި ވަކީލުންނާއި ކޯޓުތަކުގެ އިތުރުން ތަންފީޒީ އިދާރާތަކުން ވެސް ދިޔައީ ފާޅުކުރަމުންނެވެ. ބާގަނޑުތައް ފުޅާވެ، އެ ބައްދަން ގާނޫނީ އިސްލާހުތަކެއް އެދިގެން ތިއްބައި މިދިޔަ ޑިސެމްބަރު މަހު ގާނޫނަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. 

އާދޭސް ކުރާތާ އެތައް ދުވަހަކަށް ފަހު މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ފާހަގަކޮށްލެވޭ ފަދަ އިސްލާހުތަކެއް ވަނީ ގެނެސްފަ އެވެ. މަސްތުވާތަކެތީގެ ބޮޑުން ދެމިގަންނަ އެތައް ބާގަނޑެއް ބައްދައި، އެ ބޮޑުންނަށް މިހާރަށް ވުރެ މާ ހަރުކަށި އަދަބުދީ، އެ މީހުން ހުއްޓުވޭނެ އާ މަގުތައް މިހާރު ގާނޫނުގައި އޮތީ ލިޔެފަ އެވެ. 

"ގާނޫނީ އާ އިސްލާހުތަކާ އެކު، މަސްތުވާތަކެތީގެ ވަބާ ހުއްޓުވަން އާ ބާރުތަކެއް ފުލުހުންނަށް ލިބިދޭ ކަމަށް ގަބޫލު ކުރެވޭ. ގާނޫނަށް ގެނައި ބަދަލުތަކުގެ ތެރޭގައި މުހިންމު، އޭގެ ނަތީޖާ ރަނގަޅު ވާނެ ބަދަލުތަކެއް އެބަހުރި،" ފުލުހުންގެ އިސް އޮފިސަރަކު ވިދާޅުވި އެވެ. 

މި ރިޕޯޓަށް ވާހަކަ ދެއްކެވި އެ އޮފިސަރު ފާހަގަކުރެއްވި އެއް ކަމަކީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް އެންމެ ބޮޑު އަދަބު ކަނޑައެޅުމެވެ. މިހާރު ގާނޫނު އޮތް ގޮތުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް އޮތީ މަރުގެ އަދަބެވެ. އެ އަދަބު ދޭން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިއްތިފާގު ނުވާ ހާލަތުގައި ވެސް ކުށް ސާބިތުވާ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. އުމުރު ދުވަހުގެ ޖަލު ހުކުމަކީ، ގާނޫނުގައިވާ ގޮތުން އެ މީހަކު މަރުވަންދެނެވެ. ކުރިން އޮތް ގޮތަށް 25 އަހަރެއް ނޫނެވެ. 

ހަމައެއާ އެކު، މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންގެ މައްޗަށް ވެސް އޮތީ މަރުވަންދެން ޖަލުގައި އޮންނަން ޖެހޭ އުމުރު ދުވަހުގެ ޖަލު ހުކުމެވެ. އަދި މި ބާވަތުގެ ކުށްތައް ސާބިތުވާ މީހުންނަށް މާފުދިނުމާއި ޕެރޯލްގެ ދަށުން ދޫކޮށްލުން ވަނީ ގާނޫނުން މަނާކޮށްފަ އެވެ. މިހާރު ވެސް ފުލުހުންގެ އެތައް މަސައްކަތަކުން އަތުލައިގަނެ، ދައުލަތުން އެތައް ހެއްކާ އެކު ކޯޓުން ކުށް ސާބިތުކުރާ މީހުން މާފުދީ، ދޫކޮށްލާ މައްސަލައިގައި އިދާރާތަކުގެ މާޔޫސްކަން އެބަ އޮތެވެ. އެގޮތަށް އެކި އިންތިހާބުތަކާ ދިމާކޮށް މީހުންނަށް މާފުދީ، ދޫކޮށްލާކަން ތަފާސްހިސާބުތަކުން ވެސް އޮތީ ހާމަވެފަ އެވެ. 

މަސްތުވާތަކެތީގެ ބޮޑުން ސިޔާސީ އެކި ފަރާތްތަކާ ގުޅި، ސިޔާސީ ގޮތުން މާފު ހޯދައި އަލުން މުޖުތަމައުއަށް ދޫވެ އެ މީހުންނާ ދެކޮޅަށް މަސައްކަތް ކުރި ފުލުހުންނާއި ދައުލަތުގެ ވަކީލުންގެ ކުރިމަތީ ގޮސް ހަމަޖެހިލަނީ، އެ މީހުންނަށް ސިސްޓަމަށް މާބޮޑަށް އެނގޭ ކަމުގެ ފަހުރާ އެކު އެވެ. 

"އޮޕަރޭޝަންތައް ފުލުހުން ހިންގާއިރު ވެސް ބައެއް މީހުން ބުނާނެ އެންމެ ގިނަވެގެން ވެސް ހިފެހެއްޓޭނީ ދެތިން ހަތަރު އަހަރޭ. މި ފަހަކަށް އައިސް ބުނާނެ ހައެއްކަ މަހޭ ހިފެހެއްޓޭނީ. މާގިނަ ދުވަހެއް ނުވާނޭ ވެސް ބުނަމުންދާނެ،" ފުލުހުންގެ އޮފިސަރު ވިދާޅުވި އެވެ.

"އެއީ އޮޕަރޭޓް ކުރާ މީހުންގެ ވެސް ވިސްނުމަކީ ވެސް. އެ މީހުންނަށް ވެސް ސިސްޓަމް އެނގެނީ. ސިސްޓަމް މަސައްކަތް ކުރާ ގޮސް އެނގެނީ." 

އެ ފުލުހުސް އޮފިސަރު ވިދާޅުވި ގޮތުގައި، އެ ގޮތަށް ވިސްނުން ހުރުމުން މަސްތުވާތަކެތި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ހެދުމަކީ ވަރަށް ބޮޑު ލުޔެކެވެ. ހާއްސަކޮށް ތަހުގީގުތަކުގައި އުޅޭ ފުލުހުންނަށް އޭގެ ސަބަބުން ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށް ބުންޏެވެ.

"ފުލުހުން ޑީމޮޓިވޭޓްވާ އެއް ސަބަބަކީ ވެސް އެއީ. ދެތިން އަހަރު ތެރޭ އެތައް މަސައްކަތަކުން ހިފާ ހައްޔަރުކުރާ މީހާ އަލުން ފެނުމުގެ ހާލަތު ނެތި ދިޔުމަކީ މިކަން ކުރާ ފުލުހުންނަށް ވަރަށް މުހިންމު ކަމަކަށް ވާނެ." 

މީގެ ކުރިން ފުލުހުން ހިންގި އޮޕަރޭޝަނުން އަތުލައިގަތް މަސްތުވާތަކެތި ތަކެ
މީގެ ކުރިން ފުލުހުން ހިންގި އޮޕަރޭޝަނުން އަތުލައިގަތް މަސްތުވާތަކެތި ތަކެ

އޮފިސަރު ވިދާޅުވީ ގާނޫނުގައި ކަނޑައެޅި ބޮޑު އަދަބު އެގޮތަށް ދީ، ތަންފީޒު ކުރެވޭ ނަމަ އެއީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ މީހުން ފަސްޖެހޭނެ ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. 

އެއާ އެކު، މާލެ ތެރޭގައި ހިންގާ ޑްރަގު ކެފޭތައް ހުއްޓުވައި، ބަންދު ކުރަން ފުލުހުންނަށް މިހާރު އޮތް ހުރަސްތަކަށް ވެސް އާ އިސްލާހުގެ ތެރެއިން ބާރުތަކެއް ލިބޭ ކަން އޭނާ ފާހަގަކުރެއްވި އެވެ. އެ ތަންތަން ދައުލަތަށް ނެގުން ފިޔަވައި، އެ ތަންތަން ބަންދުކުރުމާއި ހުއްޓުވަން ނޯޓިސް ދިނުން ފަދަ ބާރުތައް ފުލުހުންނަށް އެބަ ހުރި ކަމަށެވެ. 

"މިހާރު އެއްވެސް ބިރެއް ނެތި ޑްރަގު ކެފޭތައް އެ ހިންގާ ހިންގުން ހުއްޓުވޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ،" އޮފިސަރު ވިދާޅުވި އެވެ. 

ފުލުހުންގެ ޑްރަގު ޑިޕާޓްމެންޓްގައި މީގެކުރިން އިސްކޮށް މަސައްކަތް ކުރެއްވި އޮފިސަރު ވިދާޅުވީ މަސްތުވާތަކެތީގެ ޓްރެންޑަކީ ވަރަށް ބޮޑަށް، ވަރަށް އަވަހަށް ބަދަލުވާ އެއްޗެއް ކަމަށެވެ. އާ ބާވަތްތަކުގެ މަސްތުވާތަކެއްޗާއި ހާއްސަކޮށް، އެކި ބާވަތްތަކުގެ ޕާޓީ ޑްރަގްސް ޓްރެންޑްވަމުންދާ ކަން އޭނާ ފާހަގަކުރެއްވި އެވެ. ދެހާސް އެގާެރަ ވަަނަ އަހަރު ގާނޫނު ހެދިއިރު މަސްތުވާތަކެތީގެ ޖަދުވަލެއް ހަދައި، މަސްތުވާތަކެތި ކަނޑައެޅި އެވެ.

އޭގެ ފަހުން އެތައް ބާވަތެއްގެ އާ މަސްތުވާތަކެތި މާކެޓަށް ނުކުމެފައިވާއިރު، އެ ހުއްޓުވަން ފުލުހުންނަށް ހުރަސް އޮތެވެ. އެ ޖަދުވަލަށް އާ ބާވަތްތައް އިތުރު ކުރަން އޮތީ އުނދަގޫ ގޮތެކެވެ. އަދި، ޑްރަގު ވިއްކާ ބޮޑުން އެ ބާގަނޑުގެ ބޭނުންކޮށް، އާ ބާވަތްތައް ރާއްޖޭގެ މާކެޓަށް ނެރެފައި ވެސް އެބަ ހުއްޓެވެ. 

"އެގޮތަށް އެ ބާވަތްތައް އެތެރެކޮށް އަތުލައިގަނެވި އެކަމަކު ސަލާމަތްވި އެތައް ބަޔަކު އެބަތިބި،" އޮފިސަރު ވިދާޅުވި އެވެ. 

ނަމަވެސް، ގާނޫނަށް ގެނައި އާ އިސްލާހު އޮތް ގޮތުން އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ޖަދުވަލު އޮތީ ލައިވް އެއްޗެއްގެ ގޮތުގަ އެވެ. މާނައަކީ މަސްތުވާތަކެތި ކޮންމެ ވަގުތެއްގައި ވެސް ކަނޑައެޅޭ ގޮތަށް އޮތުމެވެ. އެ މަގު ފަސޭހަވުމެވެ. 

"ބައެއް ފަރާތްތަކުން މަސްތުވާތަކެތި އެތެރެކުރާއިރު ރާއްޖޭގެ ގާނޫނުގައި ނުހިމެނޭ ބާވަތްތައް އެތެރެކުރާ މީހުން އުޅޭ. އެހެންވީމަ އެ ދޮރު ބަންދުވާ ގޮތަށް އޮތުމަކީ މުހިންމު ބަދަލެއް،" އޮފިސަރު ވިދާޅުވި އެވެ. 

މަސްތުވާތަކެތީގެ ގާނޫނަށް މިހާތަނަށް ނުގެންނަ ބޮޑު ބަދަލެއް ގެނައި ނަމަވެސް، އޮފިސަރު ދެކެވަޑައިގަންނަވާ ގޮތުގައި އަދިވެސް ހައްލު ނުލިބޭ ބައެއް ކަންކަން އެބަހުއްޓެވެ. އެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި ކަމަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އަލުން މުޖުތަމައުއަށް ނެރެން އޮތް ނިޒާމު ހަރުދަނާ ނުވުމެވެ. މިހާރު ފެއިލްވެފައި އޮތް ފަރުވާގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ނެތެވެ. 

އޭގެ އިތުރުން، ކުޑަކުދިން އެކްސްޕްލޮއިޓްކޮށް، ކުށުގެ ތެރޭގައި ގެންގުޅުމަކީ އެންމެ ބޮޑު އަދަބު ލިބޭނެ ކަމެއް ކަމަށް ބުނެފައިވީ ނަމަވެސް، އެކަން މިހާރު އޮތް ހާލަތާއި ނިސްބަތަށް ބަލާއިރު އިތުރަށް ތަފްސީލް ވާން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އޮފިސަރު ވިދާޅުވި އެވެ. 

"އެ ވާހަކަ އެއްވެސް ވަރަކަށް އިސްލާހުގަ ހިމެނިފައެއް ނެތް. އެހެންވީމަ އެއީ އުނިކަމެއް ކަމަށް ފާހަގަކުރެވޭ އިސްލާހު ކުރެވިދާނެ ކަމަށް ގަބޫލު ކުރާ ކަމެއް." އޮފިސަރު ވިދާޅުވި އެވެ. 

އެކަމަކު ވެސް އޮފިސަރު ވަނީ މިވީ ތަނަށް ބަދަލެއް ނުގެނެވި ހުއްޓި ތަޅުލެވިފައި އޮތް ގާނޫނަކުން މުހިންމު ބޮޑު ބަދަލުތަކެއް އެންމެ ފަހުން ގެނެވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަން ފާހަގަކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެކަމުގެ ހިތްހަމަޖެހުން މުޅި އަދުލުގެ ނިޒާމުގެ ތެރޭގައި މިހާރު އެބަ އޮތް ކަމަށެވެ.