ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޑްރަގު އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސުން ހިންގި އޮޕަރޭޝަނުގައި މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ކިލޯއަކަށް ވުރެ ގިނަ ޑްރަގު ފެނިފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގދ. މަޑަވެލި، ވަލުތެރޭގެ، މުހައްމަދު އީވާން ހާމިދާއި ހ. ސަކީނާމަންޒިލް، މުހައްމަދު ރާއިދު އަލީ އަސްގަރު 31 އަހަރެވެ.
ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ.
އެ މައްސަލައިގެ އިތުރުން ފުލުހުން ވަނީ ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާއެއްގައި ހުޅުމާލެއިން ބިދޭސީއަކު ވެސް ހައްޔަރުކޮށްފަ އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ 31 އަހަރުގެ އެމްޑީ ޖެވެލް ހޮސެން އެވެ. އޭނާ ހައްޔަރުކުރީ އިއްޔެ ހެނދުނު ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްގެން ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ހުޅުމާލޭ ބަނދަރު ސަރަހައްދުން އޭނާ ދުއްވި ވޭން، ހުއްޓުވައި ބަލައިފާސްކުރިއިރު 134 ފުޅި ބަނގުރާ ފެނިފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
އެ ދެ މައްސަލަ ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެެވެ.