ގްރީންލަންޑުގެ މިލްކުވެރިކަން ހޯދަން އެމެރިކާ އިން ރާވާފައިވާ ރޭވުމުގެ ތެރޭގައި އެ ގައުމުގެ ރައްޔިތުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދިނުން ހިމެނޭ ކަމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ނިއުސްއެޖެންސީ "ރޮއިޓާސް" އިން ރިޕޯޓު ކޮށްފި އެވެ.
މައުލޫމާތު ހުރި ހަތަރު މަސްދަރަކާ ހަވާލާދީ، ރޮއިޓާސް އިން ބުނީ ޑެންމާކުން ވަކިވެ، އެމެރިކާގެ ބަޔަކަށް ވާން ގްރީންލަންޑު މީހުން ރުއްސުމަށް ޓަކައި ވަކިވަކިން ސީދާ މީހުންނަށް، ބޮޑެތި އަދަދުތަކުން ފައިސާ ދޭން އެމެރިކާގެ އޮފިޝަލުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ފައިސާ ދޭނީ ސީދާ ކިހާ އަދަދަކަށް ކަމާއި ފައިސާ ފޮނުވާނީ ކިހިނެއްކަން އަދި ސާފު ނުވިޔަސް 10،000 ޑޮލަރާއި 100،000 ޑޮލަރާ ދެމެދުގެ އަދަދެއް، ގްރީލަންޑްގެ ކޮންމެ މީހަކަށް ދޭން މަޝްވަރާ ކޮށްފައިވާ ކަމަށް ރިޔާސީ ގަނޑުވަރުގެ އޮފިޝަލުން ހިމެނޭހެން އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ބުންޏެވެ.
އާބާދީގައި 57،000 މީހުން ތިބި ގްރީންލަންޑުގެ ރައްޔިތުންނަށް ފައިސާ ދޭން މަޝްވަރާކުރާ ކުރާ ވާހަކަ ފެތުރިފައި ވަނީ ގްރީންލަންޑު ގަންނަން އެމެރިކާ އިން މަސައްކަތް ކޮށްފާނެ ކަމަށް އަޑުފެތުރުނުތާ ދުވަސްކޮޅެއް ފަހުންނެވެ.
އެެެމެރިކާއިން އެކަމަށް މަސައްކަތް ކުރަމުން ދާއިރު، ގްރީންލަންޑުގެ ސަަރަހައްދީ ސަރުކާރާއި ޑެންމާކުން ވެސް ބުނަމުން އަންނަނީ ގްރީންލަންޑަކީ ވިއްކާ ތަނެއް ނޫން ކަމަށެވެ.
ގްރީންލަންޑްގެ ރައްޔިތުންނަށް ރިޝްވަތު ދިނުމަކީ އެެމެރިކާ އަށް އެ ޖަޒީރާ ހޯދާނެ ގޮތްތަކާ މެދު ކުރާ މަޝްވަރާގެ ތެރޭގައި ހިމެނޭ އެންމެ ފަހު ގޮތެވެ. އެ ޖަޒީރާ ހޯދަން އެހެން އެތައް ގޮތަކުން ވެސް މަސައްކަތްކުރަން އެމެރިކާ އިން ރާވަމުން އަންނަ އިރު، އަސްކަރީ ބާރުގެ ބޭނުންކުރުމަކީ ވެސް އޭގެ ތެރޭގައި ހިމެނޭ އެއް ގޮތެވެ.
އެމެރިކާގެ އެ ސިޔާސަތާ ދެކޮޅު ހައްދަވައި ގްރީންލަންޑުގެ ބޮޑުވަޒީރު ޖެންސް ފްރެޑެރިކް ނީލްސެން މި ފަހުން ވިދާޅުވެފައި ވަނީ ގްރީންލަންޑު ހޯދުމުގެ "ހިޔާލީ ފޮލާ" އެމެރިކާއިން ދޫކޮށްލަން ޖެހޭ ކަމަށެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އޭނާ އެހެން ވިދާޅުވި ފަހުން ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްް ވިދާޅުވީ އެމެރިކާއިން ގްްރީންލަންޑު ލިބިގަންނަން ބޭނުންވާ ކަމަށެވެ.
ޑެންމާކާއި ޔޫރަޕިއަން ޔޫނިއަންގެ އެހެން ބައެއް ގައުމުތަކުން ވެސް ޓްރަމްޕްގެ އެ ސިޔާސަތާ ދެކޮޅު ހަދައި ބުނަމުން އަންނަނީ ގްރީންލަންޑުގެ ކަންތައްތައް ނިންމާނީ ގްރީލަންޑާއި ޑެންމާކުގެ ރައްޔިތުން ކަމަށެވެ.
ޑެންމާކާއި ފްރާންސާއި އިޓަލީ އާއި ސްޕެއިން އަދި ޔޫކޭ އިން ވަނީ މިދިޔަ އަންގާރަ ދުވަހު ގުޅިފައިވާ ބަޔާނެއް ވެސް އެ މޭރުމުން ނެރެފަ އެވެ.
ރޮއިޓާސް އިން ބުނި ގޮތުގައި ގްރީންލަންޑުގެ ރައްޔިތުންނަށް ފައިސާ ދޭން އެމެރިކާ އިން އުޅޭ ވާހަކައާ މެދު އެމެރިކާގެ ރިޔާސީގަނޑުވަރު ވައިޓް ހައުސްގެ ރަސްމީ ބަހެއް ހޯދަން އެ އެޖެންސީން ގުޅުމުން، އޭގެ ޖަވާބެއްގެ ގޮތުގައި ހަވާލާދިނީ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް އާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އެކަމާ ބެހޭ ގޮތުން ކުރިން ދެއްވި ޖަވާބަށެވެ.
ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ސުވާލު ކުރުމުން ލެވިޓް ވިދާޅުވެފައި ވަނީ "ގްރީންލަންޑު ގަންނަ ނަމަ، އެކަން ވާން އޮތީ ކިހިނެއްތޯ ޓްރަމްޕާއި އޭނާގެ ސަލާމަތީ މުޝީރުން ބައްލަވަމުން ގެންދަވާ" ކަމަށެވެ.
ރޫބިއޯ ވިދާޅުވެފައި ވަނީ ގްރީންލަންޑްގެ ކަންތަކާ މަޝްވަރާ ކުރައްވަން ޑެންމާކްގެ ހާރިޖީ ވަޒީޒާ އެކު، އަންނަ ހަފުތާގައި އެމެރިކާގެ ވެރިރަށް ވޮޝިންޓަންޑީސީގައި ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
އެ ޖަޒީރާ އެމެރިކާގެ ބާރުގެ ދަށަށް ގެންނަންޖެހޭ ކަމަށް ވިދާޅުވެ، ޓްރަމްޕް މީގެ ކުރިން ވަނީ އެކަމަށް ގިނަ ބަހަނާތަކެއް ދައްކަވައިފަ އެވެ.
ގްރީންލަންޑު އެމެރިކާ އަށް ބޭނުންވާ އެއް ސަބަބެއް ކަމަށް އޭނާ ކުރިން ވިދާޅުވީ މިލިިޓަރީ އާލާތްތައް އުފެއްދުމުގައި ބޭނުންކުރާ މިނެރަލެއް އެ ތަނުގައި ގިނައިން ހުރުމެވެ. އަނެއް ބަހަނާއަކީ ވެސްޓާން ހެމިސްފިއާގައި އެމެރިކާގެ ނުފޫޒު އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރާ ގަބޫލުކުރުމެކެވެ.
ގްރީންލަންޑް އެމެރިކާގެ ދަށަށް ގެންދިއުމަކީ ޓްރަމްޕް ދެވަނަ ފަހަރަށް އެމެރިކާގެ ވެރިކަަމަށް ވަޑައިގަތުމުގެ ކުރިން ވެސް އޭނާެގެ އަރިސްބޭފުޅުން މަޝްވަރާ ކުރައްވަމުން ގެންދެވި ކަމަކަށް ވިޔަސް، މިހާރު އެކަމަށް އަވަސްވެގަނެގެން އުޅެނީ އެމެރިކާއިން ވެނެޒުއޭލާ އަށް ދިން ހަމަލާގެ ހޫނުކަން ހުއްޓާ އެކަމާ އުޅެން ވެގެން ކަމަށް، މައުލޫމާތު ހުރި މަސްދަރުތަކާ ހަވާލާދީ ރޮއިޓާސް ބުންޏެވެ.
އެެމެރިކާ އިން ވެނެޒުއޭލާ އަށް ހަމަލާދީ، އެ ގައުމުގެ ރައީސް މަދޫރޯ ވަގަށް ނަގައިގެން އެމެރިކާ އަށް ގެންދިޔައީ މި މަހުގެ ތިންވަނަ ދުވަހު އެވެ.