އެމެރިކާ ސިފައިން ވެނެޒުއޭލާއަށް ހަމަލާދީ އަދި އެ ގައުމަށް އަރައި ރައީސް ނިކޮލަސް މަދޫރޯ އާއި އަނބިކަނބަލުން "ވަގަށް ނަގައިގެން" ގެންދިޔަ ގޮތުގެ މޮޅު ވާހަކަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދައްކަވާއިރު އެ އަމަލު ދުނިޔެއިން ކުށްވެރިކުރަމުން އެބަދެ އެވެ.
އދ.ގެ ވެރިޔާ އެންޓޯނިއޯ ގުޓަރެސްގެ ތަރުޖަމާނު ވިދާޅުވީ އެމެރިކާއިން ވެނެޒުއޭލާއަށް ދިން ވަރުގަދަ ހަމަލާތަކާއި އެ ކަން ކުރުމުގައި ބައިނަލްއަގުވާމީ ގާނޫނުތަކަށް އެއްވެސް ވަރަކަށް ބެލުމެއް ނެތުމުން ކަންބޮޑުވާ ކަމަށެވެ. އަދި ވެނެޒުއޭލާ އާއި އެމެރިކާއިން ވާހަކަ ދައްކައިގެން މަސްރަހު ހަމަޔަކަށް އަޅުވަން މަސައްކަތްކުރުމަށް ތަރުޖަމާނުގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
ފްރާންސާއި ޗައިނާ އާއި އެކި ގައުމުތަކުން ވެސް ވަނީ އެމެރިކާގެ އަމަލު ކުށްވެރިކޮށް ވާހަކަ ދައްކައިފަ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރިއަށް އެހީވެ އެކަމުގައި އުޅޭ ގްރޫޕްތަކަށް އެއްބާރުލުން ދޭ ކަމުގެ ތުހުމަތު މަދޫރޯގެ މައްޗަށް ކުރުމަށް ވެސް އޭނާ އަތުލައިގަނެގެން ގެންދިއުމާ ބެހޭ ގޮތުން ޓްރަމްޕު، ފޮކްސް ނިއުސް އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމެރިކާގެ ސްޕެޝަލް ފޯސް އިން "އެމެރިކާއާ ނުކުޅެވޭނެކަން" ދައްކައިފި ކަމަށެވެ.
މަދޫރޯގެ ބަދަލުގައި އެހެން މީހަކު ވެރިކަމާ ހަވާލުވާން އެމެރިކާއިން ފުރުސަތު ނުދޭނެ ކަމަށް ވެސް ޓްރަމްޕު ވިދާޅުވި އެވެ.
ޓްރަމްޕު ވިދާޅުވި ގޮތުގައި މަދޫރޯ އަތުލައިގަނެގެން ގެންދިއައީ "ވަރުގަދަ ކިއްލާއެއްގައި އޮއްވަ" އެވެ. އަދި އޭނާ އަތުލައިގަތުމަށް ހިންގި އޮޕަރޭޝަން ވަގުތުން ބަލަމުން ގެންދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު އެ މަންޒަރު ވަގުތުން ބަލަމުން ދިޔައިރު ހީވީ ޓީވީ ޝޯއެއް ބަލަމުން ދިޔަހެން. އެކަން ކުރިލެއް އަވަސްކަމާއި ހިނގި ހަމަނުޖެހުން ފެނުނު،" ޓްރަމްޕު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި އޮޕަރޭޝަނުގައި އެމެރިކާގެ އެއްވެސް މީހަކު މަރެއް ނުވެ އެވެ.
މަދޫރޯގެ ދެކަނބަލުން ހެލިކޮޕްޓަރެއްގައި ގެންދިޔައީ ބޯޓަކަށް ކަމަށާއި އޭގެ ފަހުން ދެން ގެންދާނީ ދައުވާ އުފުލުމަށް ނިއު ޔޯކަށް ކަމަށް ޓްރަމްޕު ވިދާޅުވި އެވެ.
"އެ ބޭފުޅުން ތިބީ ބޯޓެއްގައި. އެކަމަކު އަދި ނިއު ޔޯކަށް ގެންނާނެ. އެ މީހުން ގެންދިޔައީ ހެލިކޮޕްޓަރެއްގައި،" މަދޫރޯ އިސްތިއުފާ ދިނުމަަށް މީގެ ކުރިން އެތައް ފަހަރަކު ގޮވާލާފައިވާ އަދި ވެނެޒުއޭލާއާ ދެކޮޅަށް އަސްކަރީ އެކި އޮޕަރޭޝަންތައް ހިންގުމަށް އަމުރުކުރެއްވި ޓްރަމްޕު ވިދާޅުވި އެވެ.
އެމެރިކާގެ އެޓާނީ ޖެނެރަލް ވަނީ މަދޫރޯގެ ދެކަނބަލުންގެ މައްޗަށް މަސްތުވާތަކެއްޗާއި ޓެރަރިޒަމްގެ ދައުވާ އުފުލާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ބޭފުޅުންގެ މައްޗަށް ދައުވާކޮށް މައްސަލަ ކުރިއަށް ގެންދާނީ އެމެރިކާގައި ކަމަށް ވެސް ވިދާޅުވި އެވެ.
މަދޫރޯ އަކީ ޑްރަގް ކާޓެލް ހިންގާ ބޭފުޅެއް ކަމަށް ޓްރަމްޕު ވިދާޅުވަމުން ގެންދަވާއިރު އެ ގައުމުން ބުނަނީ މިއީ ދޮގު ތުހުމަތެއް ކަމަށާއި އެމެރިކާއިން އުޅެނީ، ތެލުގެ އެންމެ ބޮޑު ރިޒާވް އޮތް ގައުމަކީ ވެނެޒުއޭލާ ކަމަށް ވާތީ އެ ގައުމުގެ ކޮންޓްރޯލް ހޯދަން ކަމަށެވެ.