އީރާން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންނަށް އެމެރިކާއިން އެހީވާނެ ކަމަށް ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމްޕު އިންޒާރު ދެއްވިޔަސް މުޒާހަރާ ހުއްޓުވާނެ ކަމަށާއި ހަމަނުޖެހުން ހިންގާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
އީރާންގެ ގައުމީ ޓީވީން ދެއްކި ޚާމަނާއީގެ ބަޔާނެއްގައި އޭނާ މިހެން ވިދާޅުވީ އީރާނުގައި މުޒާހަރާކުރާ މީހުން މަރާ ނަމަ އެމެރިކާއިން އަސްކަރީ ބާރުގެ ބޭނުންކޮށްގެން، މުޒާހަރާގެ ބައިވެރިން ހިމާޔަތްކުރާނެ ކަމަށް ޓްރަމްޕު އިޝާރާތްކުރައްވާފައި ވަނިކޮށެވެ.
އިގްތިސާދީ މައްސަލަތަކާ ގުޅިގެން ވިޔަފާރިވެރިން ފެށި މުޒާހަރާ ފުޅާވެ އާންމުން ބައިވެރިވެ އެކި ސިޓީތަކުގައި ހަމަނުޖެހުން ހިނގަމުން ދާއިރު އިއްޔެ ވެސް ތިން މީހަކު މަރުވެފައިވާ ކަމަށް އީރާންގެ މީޑިއާއިން ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު ބައިނަލްއަގުވާމީ ބައެއް ޖަމާއަތްތަކުން ބުނެފައިވަނީ މިހާތަނަށް މަދުވެގެން 10 މީހަކު މަރުވެފައިވާ ކަމަށާއި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
"ވިޔަފާރިވެރިން ދައްކަނީ ރަނގަޅު ވާހަކަ. މިހާރު މި އޮތް ހާލަތުގައި ވިޔަފާރިކުރެވޭކަށް ނެތް،" މުޒާަހަރާ ފެށި ވިޔަފާރިވެރިންގެ ކަންބޮޑުވުމަށް އިޝާރާތްކުރައްވައި ޚާމަނާއީ ވިދާޅުވި އެވެ.
"އެ މީހުންނާ ސަރުކާރުން ވާހަކަ ދައްކާނެ. އެކަމަކު ހަމަނުޖެހުން ހިންގާ މީހުންނާ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. އެ މީހުން ތިބެންޖެހޭ ތަނަށް އެ މީހުން ގެންދަންޖެހޭ."
އީރާނުގެ ހުޅަނގުގެ ޕްރޮވިންސްތަކުގެ ކުދި ސިޓީތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެތައް ބަޔަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ބުނެފަ އެވެ. މި ހަމަނުޖެހުންތަކުގައި ސަލާމަތީ ބާރުތަކުގެ ދެ މީހަކު މަރުވެ، 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި 100 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ މުޒާހަރާތަކުން ހައްޔަރުކޮށްފަ އެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިގުތިސާދު ހީނަރުވެ، ބައެއް ސަރަހައްދުތަކަށް ފެނާއި ކަރަންޓް ފޯރުކޮށްދިނުމަށް ދަތިވެފައިވާ ދަނޑިވަޅެއްގައި އެމެރިކާގެ އާ އިންޒާރުތަކާ އެކު އީރާނުގެ ލީޑަރުންނަށްނަށް ވަނީ އިތުރު ޕްރެޝަރެއް ކުރިމަތިވެފަ އެވެ.
ޣައްޒާގައި 2023 ވަނަ އަހަރު ހަމަލާތައް ފެށުމާއި ހަމާސް އާއި ހިޒްބުﷲ ފަދަ ޖަމާއަތްތަކަށް އެ ހަމަލާތަކާ އެކު ކުރިމަތިވި ނިކަމެތިކަމުގެ ސަބަބުން ސަރަހައްދުގައި އީރާންގެ ބާރުވެރިކަމަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. މީގެ އިތުރުން އީރާންގެ އެކުވެރި ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓި ސީރިއާގެ ކޮންޓްރޯލް އީރާނަށް ވަނީ ގެއްލިފަ އެވެ.