މިއަދުގެ މެންދުރުން ފެށިގެން އައްޑޫ ފޭދޫން ގެއްލިގެން ހޯދަމުން އައި ޒުވާން އަންހެން މީހާ ފެނިފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

ގެއްލިގެން ހޯދީ އެ ރަށު ހަމްދަރުދީގެ، ހައްވާ ރާއިދާ މުނީރު، 19، އެވެ.

އޭނާ ގެއްލިގެން ފުލުހަށް ރިޕޯޓު ކުރީ މިއަދު މެންދުރު އެވެ. ފުލުހުން އޭނާ ހޯދަން އާންމުންގެ އެހީތެރިަކަމަށް އެދުނީ މިރެ އެވެ.

ފުލުހުން ދެންމެ ބުނީ ގެއްލިގެން ހޯދަމުންދިޔަ ރާއިދާ މިހާރު ފެނިފައިވާ ކަމަށެވެ.

ރާއިދާ ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އާންމުންގެ ބަޔަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފެނުނު އިރު ހާލު ރަނގަޅު ކަމެއް ނުވަަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ.

މީގެ ކުރިން ވެސް ރަށްރަށުންނާއި މާލެއިން ވެސް ޒުވާނުން ގެއްލިގެން ހޯދަން ފުލުހުން އިއުލާނު ކުރެ އެވެ. ނަމަވެސް އިއުލާނު ކުރާތާ އިރުކޮޅެއް ތެރޭ އާންމު ގޮތެއްގައި ފެނެ އެވެ.