ދޯންޏެއް އަޑިއަށް ދަނިކޮށް އެ ދޯނި ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ގެއްލިފައިވާ، ފުލުހުންގެ ސާޖަންޓް އަލީ ނާފިއުގެ އާއިލާއާ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު އިއްޔެ ބައްދަލު ކުރައްވައިފި އެވެ.
ފުލުހުން ބުނީ ނާފިއުގެ އާއިލާ ދިރިއުޅޭ ގެއަށް ޒިޔާރަތްކޮށް ބޭއްވި އެ ބައްދަލުވުމުގައި، މިނިސްޓަރާއި ސީޕީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު އަދި ފުލުހުންގެ އިސް ބައެއް އޮފިސަރުން ބައިވެރިވި ކަމަށެވެ.
މިނިސްޓަރާއި ފުލުހުންގެ ލީޑަޝިޕް އެ ގެއަށް ކުރެއްވި ޒިޔާރަތުގައި ނާފިއުގެ އަންހެނުންނާއި ދަރިފުޅާއި އާއިލާގެ އެހެން މެމްބަރުންނާ ބައްދަލު ކުރައްވައި، ހިތްވަރު ދެއްވި ކަމަށް ފުލުހުން ބުންޏެވެ.
އެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު ވިދާޅުވީ ހާދިސާގެ ޚަބަރު ލިބުމާއެކު އެރޭ ދަންވަރުން ފެށިގެން އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އެ މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ ބައްދަލުވުމުގެ މަޢުލޫމާތު ރައީސް ޑރ. މުހައްމަދު މުއިއްޒާ ހިއްސާ ކުރައްވާފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ. އެ ހިތާމަވެރި ދަނޑިވަޅުގައި އާއިލާއަށް ކެއްތެރިކަން ދެއްވުމަށް އެދި ރައީސް ދުޢާކުރައްވާ ކަމަށާއި އާއިލާއަށް ހިތްވަރު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، ދޯނި އަޑިއަށް ގޮސްފައިވާ ސަރަހައްދަކީ 1،650 މީޓަރަށް ވުރެ ފުން ސަރަހައްދަކަށް ވާތީ، ރާއްޖޭގައި ހުރި ވަސީލަތްތަކުން އެ ހިސާބަށް ނުދެވޭތީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވީ ނާފިއު މަސައްކަތް ކޮށްފައިވަނީ ފުރާނަ އާއި މުދާ ސަލާމަތް ކުރުމުގެ މަތިވެރި އަޒުމުގައި ކަމަށެވެ. އަދި ނާފިއު ހޯދަން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާ ކުރައްވައި، އޭނާ ވިދާޅުވީ އެ މަސައްކަތުގައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
އެ ހިތާމާގައި ދިވެހި އެންމެހާ ފުލުހުން ބައިވެރިވާ ކަމަށް ވެސް ކޮމިޝަނާ ވިދާޅުވިއެވެ.
އެ ހާދިސާ ތަހުގީގު ކުރުމަށް މާލެއިން ހާއްސަ ޓީމެއް ފޮނުވާފައިވާނެ ކަމަށާއި އަދި އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ވެސް ހިނގަމުންދާ ކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ.
ލ. އަތޮޅުން ފުރައިގެން ދަތުރުކުރި އެ ދޯނި އަޑިއަށް ދަނިކޮށް ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ސިފައިންގެ މީހަކާއި އިތުރު މީހަކު ވެސް ވަނީ ގެއްލިފަ އެވެ. އަދި އެ މީހުން ހޯދުމަށް ކަނޑާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލާފައިވެ އެވެ.