ރާއްޖޭގެ އޮޑިޓާއި މާލީ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ، އަދި ލިޔުންތެރިޔާ މ. ސާނިޔާ އިބްރާހީމް ރަޝީދު (ވައިކަރަދޫ ރަޝީދު) އުމްރާގެ އަޅުކަމުގައި ސައޫދީ އަރަބިއްޔާގައި ހުންނަވަނިކޮށް އިއްޔެ އަވަހާރަވެއްޖެ އެވެ.

ރަޝީދުގެ ގާތް މީހަކު ބުނި ގޮތުގައި ރަޝީދު އަވަހާރަވީ ދެ އުމްރާކޮށް، ތިން ވަނަ އުމްރާކުރަން އިހުރާމުގައި ހުއްޓާ ސިއްހީ އުނދަގޫތަކެއް ކުރިމަތިވެ، މައްކާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

ހދ. ވައިކަރަދު އަށް އުފަން ރަޝީދު ވަނީ އޮޑިޓް އޮފީހާއި ފިނޭންސް މިނިސްޓްރީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން ހިމެނޭހެން ދައުލަތަށް 36 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފަ އެވެ.

އޮޑިޓް އޮފީހުގައި މަސައްކަތްކުރައްވަނިކޮށް އޭނާ ފިނޭންސް މިނިސްޓްރީ އަށް ބަދަލުކުރެއްވީ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގެން ބަޖެޓް ހެދުމުގެ މަސައްކަތަށެވެ. އެންމެ ކުރިން ހަމައެކަނި ދައުލަތުގެ އޮފީސްތަކުގެ ހަރަދުތައް ހިމަނައިގެން ހަދަމުން އައި ބަޖެޓް، މުޅި ރާއްޖެ އަށް ފުޅާކޮށްގެން ހަދަން ފެށުމުގައި ރަޝީދުގެ ދައުރު ބޮޑެވެ.

ކޮމްޕިއުޓަރުގެ ފަސޭހަކަން ނެތް އެ ޒަމާނުގައި އޭނާ ބަޖެޓް ހެއްދެވީ ބޮޑެތި ބްރިސިލް ބޯޑުގައި ގޮޅި ކުރަހައިގެން، ކަރުދާސް ތަތްކުރައްވައިގެންނެވެ. ފަހުން ވެސް ރަޝީދު އެ މަސައްކަތް ކުރެއްވީ ކަރުދާހުގަ އެވެ. ކޮމްޕިއުޓަރަށް އަޅާނީ އޭނާ ބަޖެޓް ހެއްދެވުމުން ޓެކްނިކަލް މުވައްޒަފުންނެވެ.

ފިނޭންސް މިނިސްޓްރީ އަށް ފަހު، ރަޝީދު ބަދަލުކުރެއްވީ އަލަށް އުފެއްދި އެންޓި ކޮރަޕްޝަން ކޮމިޝަނަށެވެ. އޭގެ ފަހުން އަނެއްކާ ވެސް ފިނޭންސްގައި މަސައްކަތްކުރެއްވުމަށް ފަހު ރަޝީދު ރިޓަޔާކުރެއްވީ އުމުރުން 65 އަހަރު ވުމުންނެވެ. ނަމަވެސް ކޮންޓްރެކްޓް އުސޫލުން އެ މިނިސްޓްރީން އޭނާގެ ހިދުމަތް ފަހުން ވެސް ހޯދި އެވެ.

ރަޝީދު ވަނީ ރާއްޖޭގެ ވަރަށް ގިނަ ރިސޯޓްތަކުގެ އިންޓާނަލް އޮޑިޓަރުކަން ވެސް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ބަނޑޮސް އައިލެންޑް ރިސޯޓާއި ހުދުވެލި ރިސޯޓް ހިމެނެ އެވެ.

ރަޝީދަކީ އޭނާގެ ޒުވާން ދުވަސްވަރު ރާއްޖޭގައި އޮތް ނޫސް މަޖައްލާ ނެރުމުގެ ފޯވަހީގެ ވެސް މުހިއްމު ބައިވެރިއެކެވެ. ވަރަށް ގިނަ ނޫސް މަޖައްލާތައް ނެރުއްވައި، ލިޔުއްވި އެވެ. އޭގެ ތެރޭގައި އޭނާ އާއި އައްބާސް އިބްރާހީމާއި ބަދުރުއްނަސީރު އިސްކޮށް ތިއްބަވައި ނެރުއްވި މަޝްހޫރު "އާބާރު" ހިމެނެ އެވެ. އަދި "އާދިރުން" ނަމުގައި ވެސް މަޖައްލާއެއް ނެރުއްވި އެވެ. އެ ނޫން ވެސް ވަރަށް ގިނަ ނޫސް މަޖައްލާތަކަށް އޭނާ އެ ދުވަސްވަރު ވާހަކަ ލިޔުއްވައި، ތަރުޖަމާ ވެސް ކުރެއްވި އެވެ.

ލިޔުންތެރިކަމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބެހެއްޓެވި ރަޝީދު ވަނީ ފިނޭންސް މިނިސްޓްރީގެ ތާރީހާ ގުޅޭ ދެ ފޮތެއް ލިޔުއްވައިފަ އެވެ. އަދި އެކައުންޓިން ކިޔަވާ ކުދިންނަށް އަތްމަތީ ފޮތަކާއި މިސްކިތްތަކުގެ ތާރީހާ ގުޅޭ ފޮތެއް ވެސް އެކުލަވާލެއްވި އެވެ. އަވަހަރާވިއިރު ދެ ފޮތެއް އޮތީ ޗާޕުޖެހުމުގެ މަގުމަތީގަ އެވެ. އެއީ އޮޑިޓްކުރުމުގެ އަތްމަތީ ފޮތަކާއި، ހިސާބުގެ އާއްމު މައުލޫމާތު ހިމެނޭ ފޮތެކެވެ.

ރަޝީދުގެ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ޑޮކްޓަރު މަރްހޫމް ޑރ. އާދިލް ރަޝީދު ހިމެނެ އެވެ.