އުމްރާގެ އަޅުކަން އަދާކޮށް އިއްޔެ ރާއްޖެ އައި މީހަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ.
ނިޔާވީ ފުވައްމުލަކު ރަތަމަލާނާގެ، އަހްމަދު ލަތީފެވެ.
އެނގިފައިވާ ގޮތުގައި، އުމްރާގެ އަޅުކަން ނިންމައި އޭނާ ރާއްޖެ އައީ އިއްޔެ އެވެ. އަދި އޭނާ ނިޔާވީ ރަށަށް ދިއުމުގެ ކުރިން އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން އއ. ތޮއްޑޫގައި ހުއްޓަ ހާޓް އެޓޭކެއް ޖެހިގެންނެވެ.
އަހުމަދަކީ ފުވައްމުލަކު ވެމްކޯގައި މަސައްކަތްކުރާ މުވައްޒަފެކެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އަހުމަދަކީ އެ ކައުންސިލްގެ ހުޅަނގު ދެކުނު ދާއިރާގެ ކައުންސިލަރު އާމިނަތު އިނާޔާގެ ބޭބެ ކަމަށެވެ.
އެ ހިތާމައިގައި ބައިވެރިވެ، މުޅި ކައުންސިލްގެ ނަމުގައި އެ އާއިލާއަށް ސިޓީ ކައުންސިލްގެ ޕޯސްޓުގައި ވަނީ ތައުޒިޔާ ފޮނުވައިފަ އެވެ.
މި ޗުއްޓީގައި އުމްރާއަށް ދިޔަ މީހުންގެ ތެރެއިން ތިން މީހަކު ވަނީ ނިޔާވެފަ އެވެ. އެއީ އަލްމަނާސިކްގެ ހަވާލުގައި އުމްރާއަށް ދިޔަ 62 އަހަރުގެ ފިރިހެނަކާއި ސަފާ ގުރޫޕާއި ހިޖާޒް ގްރޫޕް އިން އުމްރާއަށް ދިޔަ ދެ ފިރިހެނުންނެވެ. އަދި އުމްރާގެ އަޅުކަމުގައި އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ވެސް މޯލްޑިވިއަންގެ ފްލައިޓެއްގައި އިއްޔެ ވަނީ ރާއްޖެ ގެނެސްފަ އެވެ.