އައްޑޫގައި ފުޅާދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މިދިޔަ މަހު ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ހިތަދޫގެ "މައިލޯ" ގުރޫޕަށް ނިސްބަތްވާ އެ ފަސް މީހުންނަށް އަމާޒުކޮށް މިދިޔަ މަހުގެ ކުރީކޮޅު ހިންގި އޮޕަރޭޝަނުަގައި ފަސް މީހުން ހައްޔަރުކުރި އެވެ. އެއީ؛
1- އަލީ ނަދީމް، 30، ކޮންމުލި، ސ. ހިތަދޫ
2- ހާފިޒު ފައުޒީ، 31، ފަލާހް، ސ. ހިތަދޫ
3- އިބްރާހިމް ސިރާޖު، 43، ވެޔޮފެހެބުރުގެ، ސ. ހިތަދޫ
4- ހަސަން އަލްފާފް، 28، ދޮރުފޮތިމާގެ، ސ. ހިތަދޫ
5- އަމީން މުހައްމަދު، 23، ކެކުރިމާގެ، ސ. ހިތަދޫ
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނަދީމާއި ހާފިޒް އަދި ސިރާޖުގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން އިތުރު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި އަލްފާފާއި އަމީންގެ ބަންދު މުއްދަތު އިތުރުކުރަން މިދިޔަ މަހުގެ 24 ގައި ކޯޓަށް ހާޒިރުކުުރުމުން ބަންދަށް އިތުރު 30 ދުވަސް ޖަހާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭގެ ތެރެއިން، ނަދީމްގެ ބަންދަށް ކުރިން އިތުރުކުރި 30 ދުވަހުގެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
އެ "ނެޓްވޯކް" ގެ މީހުންނަށް އަމާޒުކޮށްގެން މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގު މިދިޔަ މާޗު މަހު ވަނީ ފަށައިފަ އެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެ "ނެޓްވޯކް" ގެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭގެ ތެރެއިން، އެ ޑްރަގް ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުގައި މިދިޔަ ފަސް އަހަރު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުންޏެވެ.