އެމެރިކާއިން ވެނެޒުއޭލާއަށް ދިން ހަމަލާތަކަށް ފަހު ގަދަކަމުން ގެންދިޔަ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޮރެސް ނިއު ޔޯކްގެ ޖަލެއްގައި ބަންދުކޮށްފި އެވެ.
މަދޫރޯގެ ދެކަނބަލުން ގޮވައިގެން އައި އެމެރިކާ ސަރުކާރުގެ މަތިންދާބޯޓު އަސްކަރީ މަރުކަޒަކަށް ޖެއްސީ ރޭގަނޑުވި ފަހުންނެވެ. އަދި އެތަނުން ވަނީ ހެލިކޮޕްޓަރެއްގައި ނިއު ޔޯކް ސިޓީގެ ޖަލަކަށް ގެންގޮސްފަ އެވެ.
މަސްތުވާތަކެއްޗާއި ހަތިޔާރުގެ ވަގު ވިޔަފާރީގެ ދައުވާ ދެކަނބަލުންގެ މައްޗަށް އުފުލާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.
ވައިޓް ހައުސް އިން ވަނީ މަދޫރޯގެ ކަނުބަނދެ ބިޑި އަޅުވާފައި ބަހައްޓައިގެން އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަންގެ އޮފީހަކަށް ހާޒިރުކުރަނިކޮށް ނަގާފައިވާ މަންޒަރުތަކެއް އާންމުކޮށްފަ އެވެ.
"ގުޑްނައިޓް، ހެޕީ ނިއު އިޔާ،" އުމުރުން 63 އަހަރުގެ މަދޫރޯ ވިދާޅުވާތީ އިވެ އެވެ.
ގަބޫލުކުރަން ދަތިވި، ކާމިޔާބު ބޮޑު އޮޕަރޭޝަނަކަށް ފަހު މަދޫރޯ އަތުލައިގަނެގެން ގެންދިޔަ ނަމަވެސް ދިރާސާކުރާ މީހުން ބުނަނީ ދެން ކަންތައް ވާނެ ގޮތެއް ލަފާކުރަން ވަރަށް ދަތި ކަމަށެވެ.
ޓްރަމްޕު ވިދާޅުވެފައިވަނީ މަދޫރޯއަށް ފަހު ވެނެޒުއޭލާގެ ކަންކަމާ ހަވާލުވާނީ ޓްރަމްޕުގެ ކެބިނެޓުން ކަނޑައަޅާ ބައެއް ކަމަށާއި އެ ގައުމުގެ ކަންކަން ރައްކާތެރި ހާލަތަކަށް ބަދަލުވަންދެން ބަލަހައްޓާނީ އެމެރިކާއިން ކަމަށެވެ. އަދި ވެނެޒުއޭލާގެ ތެލުގެ އިންޑަސްޓްރީގެ ކަންކަން ވެސް އެމެރިކާގެ ތެޔޮ ކުންފުނިތަކުން ބަލަހައްޓަން ފަށާނެ ކަމަށް ވިދާޅުވި އެވެ.
ވެނެޒުއޭލާއަށް އެމެރިކާ ސިފައިން ފޮނުވާފައި ބައިތިއްބަން ވެސް ޖެހިލުން ނުވާ ކަމަށް ޓްރަމްޕު ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް މަދޫރޯ ގެންދިޔަ ކަމުގެ ކަންބޮޑުވުން ގައުމުތަކުން ފާޅުކުރަމުން ދިޔަ ނަމަވެސް ޓްރަމްޕު ވިދާޅުވަމުން ގެންދަނީ މިއީ މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް މުހިންމު ނިންމުމެއް ކަމަށެވެ. އެކަމަކު މިއީ ވެނެޒުއޭލާގެ ތެލުގެ މައްޗަށް ވެރިވެގަތުމަށް ހިންގާ އަމަލުތަކެއް ކަމަށް މަދޫރޯ ކުރިން ވެސް ވިދާޅުވެފައި ވާއިރު ރޭގެ ޕްރެސް ކޮންފަރެންސްގައި ވެސް ޓްރަމްޕު ވަނީ ސީދާ އެކަމާ ބެހޭ ގޮތުން ފާޅުގައި ވާހަކަ ދައްކަވައިފަ އެވެ.
"އެމެރިކާގެ ވަރަށް ބޮޑެތި ތެޔޮ ކުންފުނިތައް ވެނެޒުއޭލާއަށް ގޮސް އެތައް ބިލިއަން ޑޮލަރެއް އިންވެސްޓްކުރާނެ ... އަދި ހަލާކުވެފައިވާ އެ އިންޑަސްޓްރީ ރަނގަޅުކުރާނެ،"
"އަހަރެމެން ވަރަށް ގިނަ އަދަދެއްގެ ތެޔޮ ވިއްކާނަން،" ވެނެޒުއޭލާގެ ތެލުން ބޮޑު އާމްދަނީއެއް ހޯދާނެ ކަމަށް ފާޅުގައި އިއުލާންކުރައްވަމުން ޓްރަމްޕު ވިދާޅުވި އެވެ.